އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް އެސްޑީއެފްސީން ދޫކުރަން ހުޅުވާލާފައިވާ "ފަށާ މަދަދު" ލޯނު 60 ފަރާތަކަށް ދޭން ނިންމާފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީން) ހާމަކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 އިގެ މަގުޗާޓުގެ ދަށުން ތަޢާރަފުކޮށްފައިވާ ލޯނު ސްކީމެެކެވެ.
"ފަށާ މަދަދު" ސްކީމުގެ ދަށުން، އެހީ ދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އާންމު ބޭންކިން ނިޒާމުން މާލީ އެހީ ނުލިބޭ ފަރާތްތަކަށެވެ. މި ސްކީމުގެ ދަށުން %6 އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 12 މަސް ދުވެހުގެ ގްރޭސް ޕީރިއަޑެއް ލިބެއެވެ. އަދި 7 އަހަރު ދުވަހަަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އެސްޑީއެފްސީން ވިދާޅުވީ، މި ލޯނު 60 ފަރާތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ 14 މިލިއަން ރުފިޔާ ކަމަށް އެސްޑީއެފްއިން ހާމަކުރެއެވެ. އެސްޑީއެފްސީން ވިދާޅުވީ ލޯނު ދޭން ނިންމި ފަރާތްތަކުގެ ތެރޭގައި 16 އަތޮޅަކަށް ނިސްބަތްވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
މިލޯން ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޑީއެފްސީގެ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ފިފްޝީން ވިދާޅުވީ، މި ސްކީމާއެކު އަންހެނުންނަށް ހާއްސަކޮށްގެން އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ އަދަދު މި ވޭތުވެ ދިޔަ އަހަރުތަކަށް ވުރެ އިތުރުވެގެން ދާނެ ކަމަށެވެ.
"ފާއިތުވި އަހަރުތަކުގައި، އަންހެނުންނަށް ދޫކުރި ލޯން އެހީގެ އަދަދަކީ 26 އިންސައްތަ، ފަށާ މަދަދު ލޯނާއެކު މިއަދަދު އިތުރުވެގެންދާނެ" ފިފްޝީން ވިދާޅުވިއެވެ.
ފަށާ މަދަދު ލޯން ސްކީމުގެ އިތުރުން ފަށާ މަދަދު ސްކީމެއްވެސް އެކުންފުނިން ތަޢާރަފްކޮށްފައިވެއެެވެ. އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.