ޚަބަރު

ޗައިނާ އެމްބަސީގެ ފަރާތުން ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ އުޅަނދެއް


  • ހަދިޔާކޮށްފައިވަނީ 540000 ދިވެހި ރުފިޔާގެ އަގުހުރި އުޅަނދެއް

  • އުޅަނދާއި ހަވާލުވެވަޑައިގަތީ ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ލ.ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ އުޅަނދެއް ހަދިޔާކޮށްފިއެވެ.

މި އުޅަނދު ހަދިޔާކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލ.ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ އުޅަނދު ހަދިޔާކޮށްފައިވަނީ، މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޔުނާން ހޭންޑް އިން ހޭންޑް ޕްރޮގްރާމްގެ ދަށުންނެވެ. މި އުޅަނދާއި ރަސްމީގޮތުން ހަވާލުވެވަޑައިގަތީ ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒްއެވެ. ޗައިނާ އެމްބަސީގެ ފަރާތުން މި އުޅަނދު ހަދިޔާ ކުރެއްވީ އެ އެމްބަސީގެ ޗާރޖް ޑި އެފެއާޒް މިސް ހެއިފެންއެވެ. މިއީ 250000 ޗައިނީސް ޔުއާން ނުވަތަ 540000 ދިވެހި ރުފިޔާގެ އަގުހުރި އުޅަނދެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވީ މިފަދަ ބިނާރީ ކުރިއެރުންތަކަށް އަބަދުވެސް ޗައިނާގެ އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަމާއި މަގު ސާފުކުރާ އުޅަނދު މިއަދު ފޮނަދޫ ކައުންސިލަށް ހަދިޔާ ކޮށްދެއްވުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މި ގުޅުމުގެ އަލިގަދަ ހެއްކެއް. ފޮނަދޫއަށް މިއަދު ލިބިގެންއެދަނީ އެ ރަށަށް އެހާމެ ބޭނުންތެރި މަގު ސާފުކުރާ އުޅަނދެއް" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ފޮނަދޫއާއި ގަން، މި ދެ ސަރަހައްދު ހިމެނޭގޮތަށް އެކުލަވައިލެއްވި ލާމު ލިންކްރޯޑް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމާ ބެހޭގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ހޯދުމަށް ހުށަހެޅި މަގު ސާފުކުރާ އުޅަނދެއްކަމަށެވެ.

"ހުށަހެޅި ހުށަހެޅުމަށް އެމްބަސީން އިޖާބަ ދެއްވާ މިއަދު މިވަނީ އަޅުގަނޑުމެންނާ ރޯޑް ސްވީޕަރ ހަވާލުކުރުމުގެ މަސައްކަތް މިއަދު މި ކުރިއަށްދަނީ. މިއީ ވަރަށް އުފާވެރި ރަސްމިއްޔާތެއް. މި ފުރުސަތުގައި އަޅުގަނޑު އެންމެ ފުރަތަމަ ހަމަ ޗައިނާ އެމްބަސީގެ އިތުރުން ކުރީގެ އެމްބެސަޑާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ޗާރޖް ޑި އެފެއާޒް ހެއިފެން ދެއްކެވި ވާހަކަފުޅުގައި ވަނީ ލާމު އަތޮޅަކީ ކުރިންވެސް އެމްބަސީއާއެކު ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި މި އުޅަނދުގެ ސަބަބުން ލާމު އަތޮޅުގެ ރައްޔިތުންނަށް އެތައް މަންފާއެއް ކުރާނެކަމަށާއި ހަމައެހެންމެ ލާމު އަތޮޅަށް ފަތުުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޗައިނާ ވަނީ އެތައް ގޮތަކުން ރާއްޖޭގެ ބިނާރީ ކުރިއެރުމަށް ތަފާތު އެތައް އެހީއެއް ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާ ސަރުކާރުން މާފުށި އަދި ހިންމަފުށީ ކައުންސިލަށް ސޯލާ މަގުބައްތިތަކެއްވެސް މިމަހު ހަދިޔާކޮށްފައެވެ.