ޚަބަރު

ކަސްޓަމްސްއަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ބަލަނީ


  • ބޮންޑެޑް ވެއަރހައުސްތަކަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން

  • ބޮންޑެޑް ވެއަރހައުސް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ތަނެއްގައި

މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ބަލަން ފަށައިފިއެވެ. މިއީ ބޮންޑެޑް ވެއަރހައުސްއެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ގެއްލިފައިވާ މައްސަލައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސްއިން ބަލަމުންދާކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވީ ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އެ ވެއަރހައުސްއަކީ ކަސްޓަމަސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެކަން ހިނގި ގޮތް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސްއިން ތަހުގީގުކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގެތަކުގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ސަލާމަތީގޮތުން އަދި ކޮންޓްރޯލް ކުރުމަށްވެސް އެންމެ ރަނގަޅުގޮތް ނޫންކަމަށާއި ސަރުކާރުން އެކަން ބަދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ބޮންޑެޑް ވެއަރހައުސް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައިކަމަށް ކަނޑައަޅުއްވާފައިވާކަން ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ.