ބާސެލޯނާގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ރަޖިސްޓަރ ކުރުމުގައި އަވަސް އަރުވާލައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟
ސްޕެނިޝް ލީގުން އެ ކުލަބަށް ކުޅުންތެރިޔާ ދާއިމީކޮށް ރަޖިސްޓަރީކުރަން ދީފައިވާ އެންމެ ފަހު މުހުލަތަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.
މައްސަލަ ޖެހިގެން އުޅޭ އެއް ކަމަކީ ސްޕެއިނުގެ ފުޓްބޯލް ފެޑަރޭޝަނުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދެ ވަނަ ނުކުތާއެވެ. މި ޕޮއިންޓްގައި ބުނެފައިވަނީ ކުޅުންތެރިއަކު އެއް ޓީމަކަށް ސީޒަނެއްގެ ތެރޭގައި ދެ ފަހަރަކު ރަޖިސްޓަރީ ނުކުރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިއަކު ޑީރަޖިސްޓަރީ (ރަޖިސްޓަރީން އުނިވެއްޖެނަމަ) ވެސް އަލުން އެ ޓީމަކަށް ރަޖިސްޓަރ ނުކުރެވޭނެ ކަމަށެވެ. ބާސެލޯނާ އަށް ދިމާވެގެން އުޅެނީ ވަގުތު ޖެހޭއިރު މިދެކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ އޮލްމޯ އާއި ޒުވާން ފޯވަޑް ޕައު ވިކްޓަރ އަށް އަލުން މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބިދާނެތީ އެވެ. އެއިރުން ކުޅުންތެރިޔާ އަށް ބޭނުން ކުލަބަކަށް ދެވިދާނެ އެވެ.
މިހެންވެ ބާސެލޯނާއިން މިހާރު ވަނީ ސްޕޭނުގެ ފެޑަރޭޝަނުގައި މި ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް އައު ލައިސަންސެއް ދިނުމަށް އެދިފަ އެވެ. ކުލަބުން އެދެނީ 130 ވަނަ މާއްދާގައި އެއް ސީޒަނެއްގައި އެއް ޓީމަކަށް ދެ ފަހަރު ރަޖިސްޓަރ ނުކުރެވޭނެ ކަމަށް ބުނާ މާއްދާއަކީ މިހާރު އައުޓްޑޭޓް ވެފައިވާ މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ އިސްލާހު ކޮށްދިނުމަށެވެ.
ބާސެލޯނާއިން މި ގޮތަށް އެދުނީ ސްޕެނިޝް ލީގުގެ ލަފާގެ މަތިން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެ އެވެ. ސަބަބަކީ އެކުލަބުން އޮލްމޯ އާއި ޕައު ރަޖިސްޓަރ ކުރަން ހުށަހެޅި މާލީ ލިޔުންތައް ސްޕެނިޝް ލީގުން ބަލައިގެންފައިވާތީ އެވެ.
އޮލްމޯ އާއި ޕައު ރަޖިސްޓަރީ ކުރެވެން އޮތީ ބާސެލޯނާ އަށް އާމްދަނީ އިތުރު ކުރެވިގެންނެވެ. މިކަންނުކޮށް ރަޖިސްޓަރ ކުރަން ކޯޓަށް ހުށަހެޅި ދެ މައްސަލަ ވެސް ނިންމީ ބާސެލޯނާއާ ދެކޮޅަށެވެ. މިހެންވެ ދެން އޮތް ހަމައެކަނި ގޮތަކީ ކުލަބުގެ ހަރުމުދާ ވިއްކާލުމެވެ. ވީވީއައިޕީ ބޮކްސްތައް ވިއްކާލުމެވެ. ބިނާކުރަމުންދާ ކޭމްޕް ނޯ ގެ ވީވީއައިޕީ ބޮކްސްތަކުން ބައެއް އަރަބި މަހުޖަނުންނަށް ކުރިއަށް އޮތް 20 އަހަރަށް ވިއްކާލައިގެން 100 މިލިއަން ޔޫރޯ ހޯދޭނެކަން ބާސެލޯނާ ވަނީ ޔަގީންކޮށްފަ އެވެ. މި ފައިސާއަކީ އެ ދެ ކުޅުންތެރިން ރަޖިސްޓަރީކުރުމަށް ފުދި އިތުރުވާނެ މިންވަރެއްކަން ސްޕެނިޝް ލީގުން ވަނީ ބާސެލޯނާއަށް އަންގާފައި ކަމަށް ސްޕޭނުގެ ނުފޫޒުގަދަ ނޫސްތަކުން ބުނެ އެވެ. މި އާމްދަނީން ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި ބޭނުން ކުޅުންތެރިއަކު ގެނައުމަށް ވެސް ބާސެލޯނާ އަށް ހުރަހެއްނެތް ކަމަށް ވެސްވެ އެވެ.
ވީވީއައިޕީ ބޮކްސްތައް ވިއްކާލައިގެން އާމްދަނީ ލިބޭނެ ކަމަށް ބުނެ ބާސެލޯނާއިން ހުށަހެޅީ ދެ ލިޔުމެކެވެ. މިހާރު ކުރިއަށް ދަނީ އެލިޔެކިއުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި މި ފައިސާ ކުލަބަށް ލިބޭނެކަން ކަށަވަރުކުރުމަށް ސްޕެނިޝް ލީގުން ބައެއް އިތުރު ލިޔެކިއުންތައް ބޭނުންވެ އެވެ. ގެރެންޓާގެ ލިޔުންތަކެވެ. ބާސެލޯނާ އަށް މިހާތަނަށް ދެވުނީ އޭގެ ތެރެއިން އެއް ލިޔުމުގެ ގެރެންޓީ އެވެ. މިހެންވެ ދެ ވަނަ ލިޔުމުގައިވާ ފައިސާ ލިބޭނެ ކަމުގެ ގެރެންޓީ ލިޔުމުން ހުށަހެޅުމަށް ސްޕެނިޝް ލީގުން ވަނީ ތިން ދުވަހުގެ މުހުލަތެއްދީފަ އެވެ. 130 ވަނަ މާއްދާ އަކީ ޒަމާނަށް ފެތޭ މާއްދާއެއްނޫން ކަމަށާއި އެ މާއްދާ ބާތިލް ކުރަން ނުވަތަ އިސްލާހުކުރަން ބާސެލޯނާ އެދުނީ މިހެންވެ އެވެ. އޮލްމޯ އާއި ޕައު ރަޖިސްޓަރ ކުރެވޭނެ ކަމުގެ ޔަގީންކަން އަނގަބަހުން ލިބުމުންނެވެ. ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ދެ ކުޅުންތެރިންގެ މައްސަލާގައި ބާސެލޯނާ ހާސްވެގެން އުޅޭކަމުގެ އެއްވެސް ނިޝާނެއް އެކުލަބުގެ އޮފީހަކުން ނުފެނެ އެވެ.