ބަނގްލަދޭޝްގެ ސިޔާސީ މަސްރަހުން ބާރުގަދަ ބޮޑުވަޒީރު ޝައިހް ހަސީނާ އެއްފަރާތްކުރުމާއެކު އެ ގައުމުގެ ކިޔަވާކުދިން ބޭނުންކުރާ ބައެއް ޓެކްސްޓް ފޮތްތަކަށް އުނިއިތުރު ގެނެސްފިއެވެ. ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދާށޭ ބުނެ އެއްއަޑަކުންް މުޅި ދުނިޔެ ގޮވަމުންދިޔަ ނަމަވެސް ބަނގްލަދޭޝްއިން ގެނައި މި ބަދަލު މީޑިއާތަކުން ސިފަކުރަނީ އެހެން ގޮތަކަށެވެ.
ގްރޭޑް ހަތެއްގެ ދަރިވަރުން ކިޔަވާ ޓެކްސް ފޮތްތަކުން އުނިކުރީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޢާޒީ ސަލާހުއްދީން އާއި ކުރީގެ މަޝްހޫރު ކްރިިކެޓް ކުޅުންތެރިޔާ ޝާކިބް އަލް ހަސަނެވެ.
އިންގްލިޝް ފޯ ޓުޑޭ ނަމުގައި މިދިޔަ ހަފުތާގައި ޕްރިންޓްކޮށްގެން ނެރުނު ފޮތުން މި ދެ މީހުންގެ މައުލޫމާތާއި ފޮޓޯ ނަގާފައިވަނީ ނެޝަނަލް ކަރިކިއުލަމާއި ޓެކްސްޓްފޮތްތަކާ ބެހޭ ބޯޑުން އަންގައިގެންނެވެ. މި ފޮތް އެންމެ ފުރަތަމަ ޗާފް ކުރީ 2013 ވަނަ އަހަރު އެވެ. ފުރަތަމަ ޗާޕްގައި މި ފޮތުގެ ގޭމްސް އެންޑް ކުޅިވަރު ކެޓަގަރީގައި މި އަހަރާ ހަމައަށް މި ދެ މީހުންނާއެކު އަށް ކުޅިވަރު ޝަހުސިއްޔަތެއްގެ މައުލޫމާތާއި ފޮޓޯ ހިމަނާފައިވެ އެވެ. ބަނގްލަދޭޝްގައި އެ ގައުމުން ބޭރުގެ ކުޅިވަރުގެ އަގުހުރި ތަރިންގެ މައުލޫމާތު ހިމަނައިގެންނެވެ. މިހެންވެ މިއީ އެއްގޮތަކަށް ވެސް ސިޔާސީ ކުލަވަރެއްނެތި، މާދަމާގެ ޖީލަށް ކުޅިވަރުގެ އަގުހުރި މައުލޫމާތައި އެތަރިންގެ މާޒީން އިބުރަތް ލިބިގަތުމުގެ ރަނގަޅު ބޭނުމުގައި ކޮށްފައިވާ ކަމެއްކަމަށް އެންމެންވެސް އެއްބަސްވި އެވެ. ފާޑުކިޔާނެ މީހަކު ވެސް ނެތެވެ.
މި ފޮތުގައި މިހާތަނަށް ހިމަނާފައިވާ ކުޅިވަރުގެ ތަރިންނަކީ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރާއި ބްރެޒިލްގެ މަޝްހޫރު ޕެލޭ އާއި ވެސްޓް އިންޑީޒްގެ ކްރިކެޓް ތަރި ބްރިއަން ލާރާ އާއި ފަރުބަދަތަކަށް އެރުމުގައި މަޝްހޫރުކަން ހޯދި ބަނގްލަދޭޝްގެ ނިޝާތް މަޖުމްދާރާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ އާއި ޓެނިހުގެ ކުރީގެ ތަރި ސެރީނާ ވިލިއަމްސް އާއި ސަލާހުއްދީނާއި ޝާކިބެވެ.
ނަމަވެސް ކުއްލި އަކަށް މި ފޮތުން ސަލާހުއްދީނާއި ޝާކިބް އުނިކޮށް އަލުން ޕްރިންޓްކުރީ ބަނގްލަދޭޝްގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން ނިގަރް ސުލްތާނާއި ރާޒުވާ ލެޖެންޑް ރާނީ ހަމީދުގެ ފޮޓޯއާއި މައުލޫމާތު ހިމަނައިގެންނެވެ.
ބަނގްލަދޭޝްގެ ނޫސްތަކުގެ ފާޑުކިއުން އޮހިގަތީ މި ހިސާބުންނެވެ. މީޑިޔާތަކުން ބުނަނީ ސަލާހުއްދީނާއި ޝާކިބް ފޮތުން އުނިިކުރިއިރު އެއީ ކުޅިވަރުގެ މައިދާނުގައި އެމީހުންގެ ކެރިއަރުން ގިނަގުނަ ފިލާވަޅުތަކެއް ނަގައިދޭ ދެ ކުޅުންތެރިން ތަކަށެވެ.
އަދި ހަތަރު ވަނަ ދައުރަކަށް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން ކުރަމުން އަންނަ ސަލާހުއްދީނަކީ އެއްވެސް އިރެއްގައި ސިޔާސީ މީހެއްނޫން ކަމަށެވެ. އެކަމަކު އޭނާ އަކީ ޝައިހް ހަސީނާ އާއި އެކަމަނާގެ ބައްޕާފުޅު ޝައިހް މުޖީބުއްރަހުމާނާއި އެއާއިލާއާ ގާތްގުޅުމެއް ބޭއްވި މީހެއް ކަމަށެވެ. ކުރީގެ އޯލްރައުންޑަރު ޝާކިބް އަކީ މިހާރު ސިޔާސީ މީހެކެވެ. ބަނގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. މަގޫރާ އެކެއްގެ ދާއިރާގެ ގޮނޑިއަށް އޭނާ ހޮވާފައިވަނީ ޝައިހް ހަސީނާގެ އަވާމީ ލީގް ޕާޓީންނެވެ.
އެހެންވީމާ ޓެކްސްޓް ފޮތްތަކުގައިވި މި ދެ މީހުންގެ ޕްރޮފައިލަށް ބުރާފައިވާ ކަންޏަކީ ސިޔާސީ މަސްރަހުގައި އަނދަމުންދާ އަލިފާނުގެ ކަނި ކަމަށް ބެލެވިދާނެ އެވެ.