ދުންފަތުގެ ވަބާއިން އަމިއްލަ ނަފްސު ސަލާމަތް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރުން މުހިންމެވެ. އަދި މި އާދައިން ސަލާމަތްވުމުގެ މަގު ބައެއް ފަހަރު ދަތިކަމުގައި ވީނަމަވެސް، ވަރުދަގަ އަޒުމަކާއި، ރަނގަޅު އެހީތެރިކަމާއި، ވަސީލަތްތަކާއެކު މި އާދައިން ސަލާމަތްވުމަކީ ކުރެވޭނެ ކަމެއްކާމެދު ޝައްކެއްވެސްނެތެވެ.
ދުންފަތުގެ ބޭނުންކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވީ، ދުންފަތުގެ ތެރޭގައި ހިމެނޭ ބާވަތެއްކަމުގައިވާ ނިކޮޓިންއަކީ އެންމެ ބާރުގަދަ އަދި ދެވިހިފުން އަވަސް މާއްދާތަކުގެ ތެރެއިން އެއް މާއްދާކަމަށެވެ. މިކަމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަކީ ނުހަނު ދަތި ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިނގިރެޓް ބުއިމާއި އެހެނިހެން ގޮތްގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ގިނަ ފަހަރު ދިގު މުއްދަތަކަށް ޖިސްމާނީ ގޮތުން އެއަށް ބަރޯސާވެވެއެވެ. އަދި މިކަން ހުއްޓާލުމުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ރުޅިއައުމާއި، ކަންބޮޑުވުމާއި، އަދި ވަރަށް ގަދައަށް އެކަމަށް ދެވިހިފުން ފަދަ ކަންކަން ހިމެނޭކަމަށް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
"ވަރަށް މަދު ބަޔަކަށް ދިމާވާ އުނދަގޫތަކެއް ހުރޭ އެއީ ނިކޮޓިން ހަށިގަނޑުތެރެއަށް ފޯރުކޮށްދީދީ ވަރަށް ހައި ޑޯޒްއެއްގަ ހުރެފަ ކުއްއަލިއަކަށް ހުއްޓާލައިފި ހާލަތެއްގަ މިކަހަލަ އުނދަގޫތަކެއް ދިމާވެދާނެ. ބައެއްފަހަރަށް ރޯގާ ވައްތަރުވެދާނެ. އެކަމު އެއީ ކުރު މުއްދަތުގެ ކަމެއް." ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
މިފަދަ ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ކުރެވިދާނެ ކަމެކެވެ. މި މަސައްކަތަކީ ފަސޭހަ ކަމެއް ނޫންކަމުގައިވީ ނަމަވެސް، މި ވަބާއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ބާވަތުގެ ވަސީލަތްތައް ލިބެން ހުރެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ ފަދަ ސަރުކާރުގެ އިދާރާތަކުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހިލޭ ހެލްޕްލައިންތަކާއި އޮންލައިން ވަސީލަތްތައް ފޯރުކޮށްދެއެވެ. ހަމައެހެންމެ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގެ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިން ދެމުންގެންދެއެވެ. އަދި އަތޮޅުތަކުގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް
— Ministry of Health (@MoHmv) January 16, 2025
"ޓޮބޭކޯ ސިޒޭޝަން ކްލިނިކް"އިން ދެނީ ކޮން ފަރުވާއެއް؟ އެތަނުގެ މަސައްކަތް ހިނގަނީ ކިހިނެތް ؟ #ފުރިހަމަ ސިއްހަތަކަށް ދުމާދުރަށް#އެންމެންގެ ސަލާމަތަށް ދުންފަތާދުރަށް@HPA_MV @DhamanaVeshi @ANazim2019 pic.twitter.com/ikX03Yk9rb
ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެކި ބާވަތުގެ ވަސީލަތްތަކާއި ޞިއްޙީ ފަރުވާދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންކޮށްގެން، ގިނަ ބަޔަކަށް ވަނީ މި ނުރައްކާތެރި އާދައިން މިނިވަންވެވިފައެވެ. އެގޮތުން އައިޖީއެމްއެޗްގެ ސެޒޭޝަން ކްލިނިކަށް ބާލާއިރު، އެކްލިނިކުން މިހާތަނަށް 1400 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވާއިރު، އޭގެތެރެއިން ގާތްގަނޑަކަށް 330 އަކަށްވުރެ ގިނަމީހުން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން އެއްކޮށް ހުއްޓާލާފައެވެ.
ދުންފަތުގެ ވަބާއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއްދުވަހުން ކާމިޔާބުކުރެވޭނެ ކަމެއް ނޫނެވެ. މިއީ ދިގު މުއްދަތެއްގެ މައްޗަށް ދެމިގެންދާ މަސައްކަތެކެވެ. މިކަމުގައި ކާމިޔާބު ހޯދުމަށްޓަކައި ބޭނުންވަނީ ވަރުގަދަ އަޒުމަކާއި، ކެތްތެރިކަމާއި، އަދި ބޭނުންވާ ހިނދު އެހީތެރިކަން ހޯދުމެވެ. އެކަށީގެންވާ އެހީތެރިކަމުގެ ނިޒާމުތަކާއި ހުއްޓާލުމުގެ އުކުޅުތައް ލިބެން ހުރުމާއެކު، މި ނުރައްކާތެރި އާދައިން އެއްކިބާވުމަކީ ޙަޤީޤަތުގައިވެސް ޙާޞިލުކުރެވިދާނެ ލަނޑުދަނޑިއެކެވެ.