ޗައިނާގައި މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްތަކުގައި ޗައިނާގެ ބޭނުން ކޮންމެ ޔުނިވަރސިޓީއެއްގައިވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިއީ ޗައިނާގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ހޯދައިދީފައިވާ ފުރުޞަތުތަކެއް ކަމަށެވެ.
އެގޮތުން މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ ކިޔެވުމުގެ 1 ފުރުސަތާއި، މާސްޓަރސް ޑީގްރީގައި ކިޔެވުމަށް 1 ފުރުސަތުގެ އިތުރުން ޕީއެޗްޑީ ކިޔެވުމުގެ 1 ފުރުސަތު ވަނީ ދީފައެވެ.
ޗައިނީސް ގަވަރމެންޓް ސްކޮލަރޝިޕް ފްރޮގްރާމްގެ ދަށުން ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ހުރުމުގެ ބައެއް ޙަރަދުތައް ސްކޮލަރޝިޕްދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ދަށުން ވަރަށް ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ.
މި ސްކޮލަރޝިޕްގެ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
މީގެއިތުރުން ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ސްކޮލަރޝިޕްތަކަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލާރސް ޑިގްރީގެ 2 ފުރުސަތާއި، މާސްޓަރސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ 2 ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ 2 ފުރުސަތެއް ލިބިފައިވެއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ.
މި ސްކޮލަރޝިފަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްކުން 30 ޖަނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޯލަރޝިޕްގެ ފުރުޞަތު ދީފައެވެ. އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.