މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ މަހު 6 ވާ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މި ދުވަސް ބަނދު ދުވަހެއްގައި ހަމަޖައްސަވާފައިވާއިރު، މިއަހަރަށް މަޖިލިސް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެއެވެ. އެހެންކަމުން ފެބްރުއަރީ 6ވަނަ ދުވަހު ބާއްވަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.