ހއ. މާރަންދޫގައި ތަރައްޤީކޮށްފައި ފުލުހުންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިހާރު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާރަންދޫ ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ 2026ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.