ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރުސަތު ގެއްލުމުގެ ބިރު ހީވެފައިވާ މެންޗެސްޓަރ ސިޓީ ބެލްޖިއަމްގެ ކްލަބް ބްރަގާ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު 8 މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ 22 ވަނަ މަގާމް ލިބިފަ އެވެ. ސިޓީ އާއި ދެކޮޅަށް ކުޅުނު ކްލަބް ބްރަގާ އަށްވެސް 8 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފަންސާސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކްލަބް ބްރަގާގެ ރަފައެލް އޮނިޔެޑީކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމުގެ މެދުތެރެއަށް ބަދަލުގެނެސްފަ އެވެ. އެގޮތުން ގުންޑޮގާންގެ ބަދަލުގައި ސަވީނިއޯ ވަނީ ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ސިޓީއަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަޓީއޯ ކޮވަސިޗް އެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ޑިފެންޑަރ ޖަސްކޯ ގްވަޑިއޯލް ހުރަސް ކުރި ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބްރަގާގެ ޑިފެންޑަރ ޖޮއެލް އޯޑޮނޭޒް އަތުން ބައިކޮޅަށް ލަނޑެއް ވަދެ ސިޓީ އަށް ވަނީ ފުރަތަމަ ފަހަރަށް ލީޑު ލިބިފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ސިޓީން ޖެހި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސަވީނިއޯ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ މާދަމާ ސްވިޒަލޭންޑުގައި ބާއްވާ ގުރުއަތުލުމަށްފަހުގަ އެވެ.