ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް އިޓަލީގެ އެޓްލާންޓާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ފުރަތަމަ ބުރުގެ އެއްވަނަ ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް ގެއްލިއްޖެ އެވެ.
މި މެޗު އެއްވަރުވުމާއެކު ބާސެލޯނާއަށް 8 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު އެ ޓީމަށް ލިބިފައިވަނީ ދެވަނަ މަގާމެވެ. އަދި އެޓްލާންޓާ އަށް 8 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމަށް 9 ވަނަ ލިބިފައިވާތީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އެ ޓީމަށް ޖެހޭނީ ދެ ލެގުގެ ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ބާސެލޯނާއިން ލީޑު ނެގިތާ ވިހި މިނިޓު ފަހުން އެޓްލާންޓާގެ އެޑަސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 72 ވަނަ މިނިޓުގައި ބާސެލޯނާގެ ރޮނަލްޑް އަރައުހޯ ވެއްޓިގަނެގެން ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ އާއިއެކު ބާސެލޯނާ އިން ވަނީ މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ ހަތްވަނަ މިނިޓުގައި އެޓްލާންޓާގެ މާރިއޯ ޕަސަލިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެޓްލާންޓާއަށް ގަދަ އަށެއްގެ ޖާގައެއް ގެއްލިފައިވަނީ މި މެޗުގެ ނަތީޖާ އެއްވަރުވެފައިވާއިރު އެސްޓަން ވިލާ ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވާތީ އެ ޓީމަށް ޖުމްލަ 16 ޕޮއިންޓް ލިބުމާއި ގުޅިގެންނެވެ.