މި ސީޒަނުގައި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާއިން ހޯދަމުންދާ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކޮލަމްބިއާގެ ފޯވަޑް ޖޯން ދުރާން އެ ކްލަބް ދޫކޮށް ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއި ގުޅެން ނިންމާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ސެލްޓިކް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުޅުނު މެޗުގައި ޖޯން ދުރާން ކުޅެފައެއް ނުވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު އުނެއި އެމެރީ ބުނެފައިވަނީ ދުރާން ވިއްކާލަން އޭނާ ބޭނުން ނުވާ ކަމަށާއި ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއަކީ މޮޅު ކުޅުންތެރިއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެމެރިކާ އިތުރަށް ބުނެފައިވަނީ ސައުދީ ގެ ކްލަބުން އޭނާއަށް ބޮޑު މުސާރައެއް ދިނުމުގެ އިތުރުން އޭނާ ވިއްކާލައިގެން ކްލަބަށްވެސް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ދުރާން އެސްޓަން ވިލާ ދޫކޮށް އެހެން ކްލަބަކަށް ދާން ބޭނުންވެއްޖެ ހާލަތެއްގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް އެމެރީ ވަނީ ބުނެފަ އެވެ.
1982 ވަނަ އަހަރު ފުޓްބޯޅަ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެސްޓަން ވިލާ ވާދަކޮށް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދާފައިވާއިރު މިއީ މިފަދަ ކަންތައްތައް ހިނގަން އެންމެ ރަގަޅު ވަގުތު ނޫން ކަމަށްވެސް އެމެރީ ވަނީ ބުނެފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޯން ޑުރާން ވަރަށް އަވަހަށް ސައުދީގެ އަލް ނަސްރުގެ މެޑިކަލް ހަދާނެ އެވެ. އަންނަ ހޯމަ ދުވަހު ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރު ބަންދުވުމުގެ ކުރިން ދުރާން ކްލަބް ބަދަލު ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ދުރާން އެސްޓަން ވިލާ ދޫކޮށް ދާން އުޅޭ ވާހަކަ ގަދަވެފައިވާއިރު އެ ޓީމުގެ ފޯވަޑް އޮލީ ވޮޓްކިންސް ހޯދުމަށް އާސެނަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އާސެނަލްގެ ފުރަތަމަ ޕްރޮޕޯސަލަށް އެސްޓަން ވިލާއިން ވަނީ ނޫނެކޭ ބުނެފަ އެވެ. ނަމަވެސް އާސެނަލްގެ ސަޕޯޓަރެއް ކަމުގައިވާ ވޮޓްކިންސް އެސްޓަން ވިލާ ދޫކޮށްލަން ބޭނުންވެއްޖެނަމަ އެ ކްލަބަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ.
އެސްޓަން ވިލާ ދޫކޮށް ދުރާން އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތް ކުރަކީ އެ ކްލަބުގައި އޭނާއަށް ކުޅެން ލިބޭ ފުރުސަތު މަދުވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އުނެއި އެމެރީގެ ޓީމުން ދުރާން އަށް ގިނަ ފަހަރު ފުރުސަތު ލިބިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.