ޚަބަރު

މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ ދެވަނަ ބުރަށް


ޔޫރޮޕާ ލީގުގައި ރުމޭނިޔާގެ އެފްސީއެސްބީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދައިފި އެވެ.

މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު 8 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. މި މެޗުން އެފްސީއެސްބީ ބަލިވި ނަމަވެސް އެ ޓީމަށް އަށް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ވަނީ 11 ވަނަ މަގާމު ލިބި ޕްލޭއޮފް ގެ ފުރުސަތު ލިބިފަ އެވެ.

މުޅިން އައު ފޯމެޓަކަށް މި ފަހަރުގެ މުބާރާތް ރޭވިފައިވާއިރު ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅުމަށްފަހު ގަދަ 8 ޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ. އަދި 9-24 އަށް ދާ ޓީމުތަކަށް ޖެހެނީ ދެވަނަ ބުރަށް ކޮލިފައިވުމުގެ ގޮތުން ދެ ލެގުގެ ޕްލޭއޮފް މެޗެއް ކުޅުމަށެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުންވަނީ ވަރަށް ބޮޑަށް ރަގަޅުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިއިރު ކޯޗު އަމޮރިމް ވަނީ އެ ޓީމުގެ މުހިންމު ދެ ފޯވަޑުން ކަމުގައިވާ ދިއާލޯ އާއި ގަރްނާޗޯ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރުވާފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިއޮގޯ ޑަލޮޓް އެވެ. މި ލަނޑަކީ ޒުވާން މިޑްފީލްޑަރ ކޮބީ މައިނޯ ދިން ބޯޅަ އަކުން އޭރިޔާ ތެރޭގައި ހުހަށް ހުރެ ޑަލޮޓް ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

އަދި އޭގެ 8 މިނިޓު ފަހުން ކޮބީ މައިނޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަރްނާޗޯ ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.