ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމާއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ވަނީ ލިބިފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 22 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. އަދި ވާދަވެރި ބާސެލޯނާ އަށް 21 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
އެސްޕަނިއޯލް އިން ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ އެސްޕަނިއޯލްގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް އޭގެ ކުރިން އެބޯޅަ ހޯދުމުގައި ކިލިއަން އެމްބާޕޭ ގޯސް ހަދާފައިވާކަމަށް ނިންމާ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ރޮޑްރިގޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ އެސްޕަނިއޯލްގެ ގޯލުގެ ދަނޑި އަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެސްޕަނިއޯލްގެ ގޯލުކީޕަރު ގާސިއާ އަށް ވަނީ ކިލިއަން އެމްބާޕޭގެ އިތުރު ހަމަލައެއް މަތަކުރަން ޖެހިފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެސްޕަނިއޯލް އަށް ކާމިޔާބު ކޮށްދީފައިވަނީ ކާލޯސް ރޮމޭރޯ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން އެމްބާޕޭ އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކާފައިވާތީ ރެއާލްގެ ބެންޗުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މި މެޗުން ބަލިވުމާއެކި މިއީ މި ސީޒަނުގެ ލަލީގާގައި ރެއާލް މެޑްރިޑް އިން ބަލިވި ތިންވަނަ ފަހަރެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު ރޭގެ މެޗުގައި އެ ޓީމުގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަށް ވަނީ އަނިޔާވެފަ އެވެ.
ލަލީގާގައި ރޭ މަޔޯކާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.