ޤާނޫނުއަސާސީން ރައްޔިތުންނަށް ދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ކުރިން އިދިކޮޅުގައި ތިއްބެވިއިރު ޕީޕީއެމް އަދި ޕީއެންސީއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭރު އޮތް އެމްޑީޕީ ސަރުކާރުން ދެއްވާފައި ނުވާ ކަމަށެވެ. އެއްވުންތަކަށް ހުރަސް އެޅުމާއި ޝިއާރު ފާޅުކުރުމަށް ހުންނަ ބެނާތަކާއި އެހެނިހެން ތަކެތި ފުލުހުން މެދުވެރިކޮށް އަތުލުން ފަދަ ކަންކަން އޭރުގެ ސަރުކާރުން ކުރި ނަމަވެސް މިއަދު އެމަންޒަރުތައް ނުފެންނަ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި ކުރީ ސަރުކާރުތަކުން ގެންގުޅުނު ޖަންގަލީގެ އުސޫލުތަކަށް ނިމުމެއް ގެނެސް ކޮންމެ ރައްޔިތަކަށްވެސް ޚިޔާލު ފާޅުކުރެވޭނެކަން ސާބިތުކުރައްވަމުން އެމަނިކުފާނު ގެންދަވާ ކަމަށެވެ. އެންމެ ފަހުން އެމްޑީޕީން ބޭއްވި އެއްވުމުންވެސް އެކަން ސާބިތުވެގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ދެއްވާނީ ޤާނޫނުއަސާސީގައި އޮތް އެންމެ ފުރިހަމައަށްކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ ޤައުމުގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު އަދުގެ ސަރުކާރުން ނުދެއްވާނެ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން ޚިޔާލުފާޅު ކުރެވޭނެ ކަމަށާއި އިދިކޮޅުގެ އަޑު އައްސަވައި ކަންކަން ބަދަލުކުރަންޖެހޭނަމަ، ބަދަލުކުރެއްވުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ހުންނަވާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
"އެބޭފުޅުންނަށް ޤާނޫނުއަސާސީން ލިއްބައިދޭ ތަރައިގެ ތެރޭގައި ޚިޔާލުފާޅުކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް މި ސަރުކާރުން ތާއީދު ކުރާނެ. އަދި އެ ބޭފުޅުން ދައްކާ ވާހަކަ އަޅުގަނޑުމެން އަޑުވެސް އަހާނަން. އަޑުއަހާފައި ބަދަލެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެންޏާމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުންނާނެ އެ ހިތްވަރު އެ ބަދަލު ގެނައުމުގެ،" ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ އިދިކޮޅަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެއްވައި އެ ފަރާތްތަކުގެ އަޑު އެއްސެވުމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާއަކީ ޑިމޮޮކްރަސީގެ ނިޒާމަށް ލޯ ހުޅުވިފައިވާ ބޭފުޅެއްކަން ކަމަށެވެ. އެމަނިކުފާނު ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ކަމަށާއި މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު މިއަދު ފަހިވެފައިވާ ކަމަށްވެސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ،