ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ


ރެއިން ފެށިގެން ކުރަމުން މިދަނީ، މޫސުމީ ވިއްސާރައެއްކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއިން ވިދާޅުވީ، މިހާރު ކުރަމުން މިދާ ވިއްސާރަ، މެދު ރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކަށް ކުރަމުން ދާނެކަމަށެވެ. މި ވިއްސާރައިގައި ރެއިން ފެށިގެން މާލެ ސަރަޙައްދަށް ވާރޭ ވެހެމުން ދިޔަނަމަވެސް މިއީ މާބޮޑު ވިއްސާރައެއް ނޫންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ  ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާއިރު، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށްވެސް އެ ފަރާތުން ލަފާކުރައްވައެވެ. ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، މެދުތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.