މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބެންވާނެކަމަށް ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، (މާޕް)އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ނެޝަނަލް އެޗްއާރް ކޮންވެންޝަންގެ 5 ވަނަ ކޮންވެންޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް އިންތިޒާމްކޮށްގެން ބާއްވާ މި ކޮންވެންޝަނަކީ އެޗްއާރް ޕްރޮފެޝަލުންނާއި ގުޅުންހުރި ފަރާތްތަކުން ހިމެނިގެން މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު އެއް އިވެންޓެވެ. އެގޮތުން މި އަހަރުގެ ކޮންވެންޝަންގެ މައިގަނޑު ޝިޢާރަކީ "އިނޮވޭޓް، އެޑެޕްޓް އެންޑް ލީޑް؛ ބިލްޑިންގް ކޭޕަބިލިޓީޒް ފޯ އަ ޗޭންޖިންގް ވޯލްޑް" އެވެ. މި ކޮންވެންޝަންއަކީ ދެދުވަހަށް ކުރިއަށްގެންދާ ކޮންވެންޝަންއެކެވެ.
މިކޮންވެންޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ތާރިޤް އިބްރާހިމްއެވެ.
މިކޮންވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، މި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާނެކަމަށެވެ. ހަމަމިއާއެކު ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ މައި އިޤްތިޞާދީ ހަރަކާތަށްވާއިރު، މި ދާއިރާގައި ވަޒީފާގެ ފުރުޞަތު ލިބެންހުރުމާއެކު މި ފުރުޞަތުތަކުގެ ބޭނުން ހިފަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރުޞަތު ދޭއިރު އެއްވެސް ފަރާތެއް އިސްތިސްނާނުވާ ގޮތަކަށް ވަޒީފާދިނުމަކީ މުހިންމުކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލު އެކުލެވިގެންވާ ގޮތަކަށް ހެދުމާ މެދުވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ. ޒުވާނުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ހަމައަށް، އެއްވެސް މީހަކު އަޅުގަނޑުމެންގެ ތެރެއިން އެކަހެރިވެގެން ނުދާނެކަން ކަށަވަރުކުރަން ޖެހޭ. ކޮންމެ މީހަކަށްވެސް މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބެންވާނެ" ވަޒީރު ވިދާޅުވިއެވެ.
މިކޮންވެންޝަންއާއި ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ހުނަރުވެރިން ތަރައްޤީކޮށް، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެއް މި ސަރުކާރުން އެކުލަވާލައްވާފައިވާކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެ ފަރާތެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަރާތަކުން ދެއްވުމަށް ހަމަޖެހިފައިވާއިރު ލީޑަރޝިޕް ޑިވެލޮޕްމަންޓާއި ގުޅުންހުރި އެކި ސެޝަންތަކާއި އެޗްއާރް ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ވަޒީފާގެ މާހައުލަށް ގެނެވޭ ބަދަލުތަކުގައި އެޗްއާރް ލީޑަރުންގެ ދައުރާއި، ވަޒީފާގެ މާހައުލަކީ މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ޑާޓާ އެނާލެޓިކްސް އަދި ފަހުގެ އެޗްއާރް ޓްރެންޑްސްތަކާއި ގުޅޭގޮތުން މި ކޮންވެންޝަނުގައި ސެޝަންތައް ހުށަހަޅާނެއެވެ.
މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤްޞަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.