ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ނޮބެލް ކެލެޑޯނިއާ ނަމަކަށް ކިޔާ ކްރޫޒްޝިޕެއް އައްޑޫސިޓީ މަރަދޫއަށް ބަނދަރުކޮށްފިއެވެ. މި ކްރޫޒް ޝިޕްގައި 100 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ހުކުރު ދުވަހު ހެނދުނު މަރަދޫއަށް ބަނދަރު ކުރި މި ކްރޫޒްޝިޕްއަކީ "މަންތާ ޓްރަސްޓް" ގެ އެހީގައި ރާއްޖެ އައިސްފައިވާ ކްރޫޒްޝިޕެކެވެ. މިއީ މިއަހަރު އައްޑޫއަށް ފުރަތަމަ ކްރޫޒްޝިޕެވެ. މި ކްރޫޒްޝިޕަށް މަރަދޫ ބަނދަރުން ސަޤާފީ ހަރަކާތްތަކާއިއެކު ވަނީ މަރުޚަބާ ކިޔާފައެވެ.
މި ކްރޫޒްގައި އައި ފަތުރުވެރިން ވަނީ އައްޑޫގެ އެކި ސަރަހައްދުތައް ބަލާލުމަށް ގޮސްފައެވެ. އޭގެ ތެރޭގައި އޭގެތެރޭގައި އައްޑޫ ނޭޗަރ ޕާކާއި، ތާރީޚީ ބައެއް އެހެންތަންތަންވެސް ހިމެނެއެވެ.އައްޑޫއަށް މީގެ ކުރިން ކްރޫޒްޝިޕްތައް އާދެއެވެ. ނަމަވެސް ކޯވިޑަށް ފަހު އައްޑޫއަށް ކްރޫޒްޝިޕްތައް ޒިޔާރަތްކުރުން އެއްކޮށްހެން ވަނީ ހުއްޓިގެން ގޮސްފައެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އައްޑޫއަށް ކްރޫޒް ޝިޕެއް އައިސްފައިވާއިރު، ދާދި ފަހުން އައްޑޫގެ ފަތުރުވެރިކަމުގެ ބްރޭންޑް "ބިޔޯންޑް އައްޑޫ" ވަނީ ލޯންޗުކޮށްފައެވެ. މިއާއެކު އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ނޮވެމްބަރުގައި އިންގިރޭސިވިލާތުގައި ބޭއްވި ވޯލްޑް ޓްރެވެލް މާކެޓް ފެއަރގައި ކައުންސިލުން ވަނީ އެމްއެމްޕީއާރްސީއާއިއެކު ބައިވެރިވެފައެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިއަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކާއި އެކު އައްޑޫ އަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށްވެސް ސަރުކާރުން ދަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރަމުންނެވެ.
އަދި މީގެ އިތުރުން އައްޑޫގައި އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަންކެޑެ ތަރައްޤީގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެތަނުގައި 560 ކޮޓަރި ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ސޮއިކޮށްފައެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް ޒޯންތަކުން ބިންތައް ދޫކޮށްފައިވާއިރު، ސަރުކާރުން ވަނީ އެ ބިންތައް ދޫކޮށްފައިވާ ފަރާތްތަކަށް އިތުރު ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން"ގެ ދަށުން 6000 އެނދު އައްޑޫގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.