ޚަބަރު

ބަރމިންހަމް ބަލިކޮށް ނިއުކާސަލް ފަސްވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގައި ރޭ ބަރމިންހަމް ސިޓީ އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މި މެޗުގައި އެ ޓީމުގެ ކޯޗު އެޑީ ހޯވޭ ވަނީ މުހިންމު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އެލެކްޒެންޑަރ އިސާކް އާއި މާފީގެ އިތުރުން ފަބިއަން ޝާ މި މެޗުގައި ބޭނުން ކޮށްފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

މި މެޗު ފަށައިގެން މެޗުގެ ފުރަތަމަ މިނިޓުގައި ބަރމިންހަމްގެ އީތަން ލައިޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިޛަ އެވެ.

ނަމަވެސް އޭގެ 20 މިނިޓު ފަހުން ނިއުކާސަލްގެ ޖޯ ވިލޮކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭރިޔާ ތެރޭގައި ހުރި ވިލޮކް ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިނަމަވެސް އެސިސްޓެންޓް ރެފްރީ ވަނީ އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެފައިވާކަމަށް ބުނެފަ އެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން ނިއުކާސަލްގެ ކެލަމް ވިލްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ބަރމިންހަމް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކުޅެމުންދާ ޖަޕާނުގެ މިޑްފީލްޑަރ ޓޮމޮކީ އިވާޓާ ވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯ ވިލޮކް އެވެ.

މި މެޗުގައި ނިއުކާސަލް އަށް ދެ ލަނޑު ޖަހައިދީފައިވާ ވިލޮކް އަށް ވަނީ މިދިޔަ ހަފްތާގައި ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިއުންތަކަކާއި ކުރިމަތިލާން ޖެހި އަދި ސޯޝަލް މީޑިޔާގައި ލިބުނު އިންޒާރުތަކާއި ގުޅިގެން ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިފަ އެވެ.

އެގޮތުން ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވަނިކޮށް ވިލޮކް އަށް ލިބުނު ރަގަޅު ފުރުސަތެއްގައި އޭނާއަށް ލަނޑު ޖެހިފައިނުވާތީ އެކަމާއި ސަޕޯޓަރުންވަނީ ހިތްހަމަނުޖެހިފަ އެވެ.