ޚަބަރު

ލޭޓަން އޮރިއެންޓް އަތުން މެންޗެސްޓަރ ސިޓީއަށް އުނދަގޫ މޮޅެއް


އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލޭޓަން އޮރިއެންޓާއި ދެކޮޅަށް މެންޗސްޓަރ ސިޓީ ކުޅުނު މެޗު އުނދަގޫ ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ލީގު ވަންގެ ލޭޓަން އޮރިއެންޓާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ މި މެޗަށް ނެރުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ޓީމާއި ދާދި ފަހުން އަލަށް ގުޅުނު ވިޓޯ ރެއިސް އާއި އުމަރު މަރްމޫޝް ވަނީ މި މެޗުގެ ފުރަތަމަ ޓީމުގައި ހިމަނާފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި އަންނަ އަންގާރަ ދުވަހު ރެއާލް މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އޭނާ ވަނީ އަރާމު ކުރަން ފުރުސަތު ދީފަ އެވެ.

މި މެޗުގެ 16 ވަނަ މިނިޓުގައި ލޭޓަން އޮރިއެންޓް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ މެންޗެސްޓަރ ސިޓީގެ ގޯލުކީޕަރު ސްޓެފަން އޯޓޭގާގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެއް ނަމަވެސް މިއީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލެވެ.

މެދު ރޮނގު ކައިރިން ގޯލާއި ގާތްގަނޑަކަށް 50 ޔާޑު ދުރުން ޖެމީ ޑޮންލީ ފޮނުވާލި ހިތްގައިމު ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ވެއްޓުނު ވަގުތު އެ ބޯޅަ ވަނީ ކީޕަރު ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު ސިޓީ އިން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރުބެން ޑިއާސް އާއި ވިޓޯ ރެއިސްގެ ބަދަލުގައި ޖޯން ސްޓޯންސް އާއި ކުސަނޯވް ވަނީ ކުޅެން އަރުވާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ލޭޓަން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ލަނޑަކީ މެންޗެސްޓަރ ސިޓީގެ ރިކޯ ލެވިސް ފޮނުވާލި ހަމަލައެއް އޭރިޔާ ތެރޭގައި ހުރި ޑިފެންޑަރ އަބްދުލްކާދިރު ކުސަނޯވްގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ވަދެފައިވާ ލަނޑެކެވެ.

މި މެޗުން ސިޓީ އަށް ކުރި ލިބިފައިވަނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެޕްޓަން ކެވިން ޑެބްރޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އޭރިޔާ ތެރެއިން ޖެކް ގްރީލިޝް ދިން ބޯޅައެއް ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑެބްރޫނިއާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.