ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ސަރުކާރަށް އަނބުރާ ނެގުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވަނީ އިންވެސްޓަރުންނަށް މަސައްކަތް ކުރިއަށްގެންދިޔުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ 68 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްތައް ހިމެނޭއިރު ސަރުކާރުން ބޭނުންވަނީ މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މިގޮތަށް ހުރި ރަށްތައް ތަރައްޤީކުރުމުގައި އިންވެސްޓަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ވީހާވެސް އަވަހަށް ޙައްލުތައް ހޯދައިދީ މަސައްކަތްތައް ނިންމުންކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެންމެ ފައިދާ ބޮޑު ވާނެ ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަސައްކަތްތައް ހުއްޓިފައި ހުރި ވާހަކަ ނުދައްކާ، ބޭނުންވަނީ އެކަންކަމަށް ޙައްލުތައް ހޯދާ ކުރިއަށްދެވޭނެ މަގުތައް ކޮށައިދޭން. ރައީސްގެވެސް ވިސްނުމަކީ މިއީ. އެކަމާ ގުޅޭ ޤާނޫނުތަކާއި އުސޫލުތަކަށްވެސް ބަދަލުތައް، ލުއިފަސޭހަވާނެގޮތަށް ގެންނަންޖެހޭ." ފަތުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި، އިންވެސްޓަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދީ، އިންވެސްޓަރުންނާއި ގުޅިގެން ކުރިއަށްދާންކަމަށެވެ.
މީގެއިތުރުން މިފަދަ ބޮޑެތި މަސައްކަތްތަކަށް ނަގަންޖެހޭ ހުއްދަތަށް ނެގުމާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްވެސް ވުޒާރާގެ ތެރޭގައި ލުއިފަސޭހަކުރުމަށްވެސް، ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
"އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ޝަކުވާ އެއީ، ޑީޓެއިލް ޑިޒައިންތަކަށް އެޕްރޫވް ހޯދުމާއި، އަދި ފައިނޭންޝަލް، ލީގަލް ހުއްދަތަށް ނެގުމުގައި ލަސްތައް ކުރިމަތިވުން. މިކަމާ ގުޅޭ މަސައްކަތްތައް އަވަސްކުރުމަށް، އެކްރެޑިޓް ޗެކަރއެއްގެ ގޮތުގައި އިންޖިނިއަރިން ކޮންސަލްޓެންސީ ޕޫލްއެއް އުފެއްދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. ކޮންސަލްޓަންޓުން ހޯދަން ވަރަށް އަވަހަށް ހުޅުވާލާނަން. އޭރުން ހުއްދަތަށް ހޯދުން އަވަސްކުރެވޭނެ." ފަތުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތުވެސް 176 ރިސޯޓް ތަރައްޤީކޮށް، ޚިދުމަތްދެމުންއާދެއެވެ. އަދި 165 ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއަހަރު 6 ރިސޯޓް ހުޅުވޭނެކަމަށް އަންދާޒާކުރާއިރު، މިއާއެކު ސިނާޢަތަށް 1290 އެނދު އިތުރުވާނެކަމަށެވެ.