މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް މޯލްޑިވްސް ޕެންޝަން އޮފީހުން ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. 
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ވިދާޅުވީ، މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް ކުރިއަށް ދިއުމަށް އެދޭ ހުނަރުވެރި ދިވެހިންނަށް އެ ފުރުޞަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުން ކަމަށެވެ. 
މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިޢުލާންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރަށް ވަނީ 1 (އެކެއް) އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް އިއުލާންކޮށްފައެވެ. 
މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގއަށް ބަލައި ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެއް ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. 
		
			* ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް
* އިކޮނޮމެޓްރިކްސް
* އެކްޗުއޭރިއަލް ސައިންސް 
		
			ޕެންޝަން އޮފީހުން ވިދާޅުވީ، މި ސްކޮލަރޝިޕަށް ދަރިވަރުންނަށް ފުރުޞަތު ދިނުމުގައި ޕެންޝަން އޮފީހާއި ގުޅުންހުރި އަދި ޤައުމުގެ މާލީ ދާއިރާއަށް މުހިންމު ދާއިރާތަކަށް އިސްކަންދެވޭނެކަމަށެވެ. 
މި ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ޓިކެޓުގެ ޚަރަދާއި ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ދިރިއުޅުމުގެ ޚަރަދުން ބައެއް ޕެންޝަން އޮފީހުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
ސްކޮލަރޝިޕަށް އެދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)އަށް ހުށަހެޅޭނެއެވެ. ހުށައެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ފެށޭ މާރިޗު މަހުގެ 16 ވަނަ ދުވަހުގެ 16:00 އެވެ.