ޚަބަރު

ހެލްތު ކެއަރ ތަކެތި އުފައްދާ އޮމްރޯންގެ އުފެއްދުންތައް މެޑްޓެކްއިން ރާއްޖޭގެ ބާޒާރަށް


  • އޮމްރޯން ބްރޭންޑަކީ ޖަޕާނުގެ މަޤުބޫލު ބްރޭންޑެއް

  • އަމިއްލައަށް ސިއްޙީ ޙާލަތު ވަޒަންކޮށްލެވޭނެ ފަދަ އާލާތްތައް ލިބެން ހުންނާނެ

ދުނިޔޭގެ ކުރިއަރާފައިވާ ހެލްތް ކެއަރ ޕްރޮޑަކްސް އުފައްދާ ކުންފުނި އޮމްރޯންގެ އުފެއްދުންތައް މެޑްޓެކްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ޖަޕާނުގެ ކުންފުންޏެއްކަމަށްވާ އޮމްރޯންގެ ހެލްތް ކެއަރ ޕްރޮޑަކްޓްސް ރާއްޖެއަށް ތައާރަފްކުރުމަށް އެކަމުގެ އެއްބަސްވުމުގައި މެޑްޓެކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުބާހް ރަފީއުއެވެ. އަދި އޮމްރޯން ހެލްތްކެއަރގެ ފަރާތުން ސޮއިކުރެއްވީ އޮމްރޯން ހެލްތްކެއަރ އިންޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޓެޓްސުޔާ ޔަމަޑާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑްޓެކްގެ ސީއެސްއޯ މަރިޔަމް ވަސީމާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެ ކުންފުނިން ކުރާ މަސައްކަތަށް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. މި މަސައްކަތުގެ ދަށުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިއްޙީ ހާލަތު ޔަޤީންކަމާއެކު ވަޒަންކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މެޓްޑެކްއިން ބުނީ މިއީ އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ފެންވަރު ރަނގަޅު ހެލްތް ކެއަރ ޕްރޮޑަކްޓްސް ތަޢާރަފްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ އާންމު ރައްޔިތުނަށް ފަސޭހަކޮށްދިނުމަށް ގޭތެރޭގައި ހެލްތު މޮނިޓަރކުރެވޭނެ ފަސޭހަ އާލާތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު ކަމެއްކަމަށްވެސް މެޑްޓެކްއިން ވަނީ ބުނެފައެވެ.

އޮމްރޯންއަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އަމިއްލައަށް އެމީހުންގެ ސިއްހަތު މޮނިޓަރ ކޮށްލެވޭފަދަ ހެލްތް ކެއަރ ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ. އެގޮތުން ބްލަޑް ޕްރެޝަރ މޮނިޓަރ، ނެބިއުލައިޒަރ، ޑިޖިޓަލް ތަމޯމީޓަރ ފަދަ އާލާތްތައް ހިމެނެއެވެ. މިހާރު މެޑްޓެކްއިންވެސް މި ތަކެތި ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.