ޚަބަރު

ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނަން: މަސްވެރިކަމާބެހޭ ވަޒީރު


  • ކަންނެލި ޕެކިން ގެސިލިޓީ ޤާއިމްކުރަނީ ހުޅުމާލޭގައި

  • އެ ފެސިލިޓީ ޤާއިމްކުރަނީ އައިއެސްޑީބީގެ އެހީގައި

ސަރުކާރުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެސިލިޓީއާއި ގުޅޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ސުވާލުކުރައްވާފައެވެ. އެ ފެސިލިޓިގެ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ މެންބަރު ކުރެއްވި މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެ ފެސިލިޓީއަށް ބޭނުންވާ ފައިސާ މިހާރު އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީން ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފެސިލިޓީ އަޅާނެބަޔަކު ހޯދުމަށް އިއުލާންކުރައްވާނެކަމަށާއި، މިއަހަރުގެ މެދުތެރޭގައި ފެސިލިޓީގެ މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ މަހެއްގެ ތެރޭގައި އަޅުގަނޑުމެން އިއުލާންކުރާނަން. އިއުލާންކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީވެ އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާލެވޭނެކަމަށް. އެހިސާބުން ފެށިގެން އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިންނަށް މިއޮތް ގޮންޖެހުމަށް ވަރަށް ބޮޑު ހައްލެއް މި ލިބިގެންދިޔައީ". މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އޮތީ މައިގަނޑު ދެ ކަނބޮޑުވުމެއްކަމަށެވެ. އެއީ ތެޔޮ އެސްޓީއޯގެ ރޭޓުން ތެޔޮ ނުލިބޭ ނުލިބުމާއި، ޕެކް ކުރާނެ ފެސިލިޓީއެއް ނެތުންކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ރޭޓުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި އެ ކަންބޮޑުވުމަށް ނިމުމެއް ގެނެސްދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގައި އަޅަން ނިންމާފައިވާ ޕެކިން ފެސިލިޓީ ނިމުމުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އެކަމަށް އޮތް ކަންބޮޑުވުމަށްވެސް ހައްލު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކަންނެލި މަސްވެރިން ގަބޫލުކުރާ ގޮތުގައި ކުދި ޕެކްކުރާ ފަރާތްތަކަށް އެ ފުރުސަތު ލިބިއްޖެނަމަ މިހާރު ކަންނެލި މަސްވެރިންގެ އަތުން އަމިއްލަ ކުންފުނިތައް މަސް ގަންނަމުންދާ އަގަށްވުރެ ރަނގަޅު އަގުގައި ކަންނެލި މަސް ގަންނާނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރާކަމަށް ވިދާޅުވިއެވެ. މިއާއެކު މީގެކުރިން އެއްވެސް ސަރުކާރަކުން އެ ފަރާތްތަކަށް ފަހި ނުކޮށްދެވޭހާ ފަހި މާހައުލެއް ޤާއިމްވެގެންދާނެކަން މަސްވެރިކަމާއި ކަނޑުވެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.