މަސްދޯނިފަހަރުން މިފްކޯއަށް މިސްކިރުވަން އޮތް ކިއު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނައްތާލާނެކަމަށާއި، މިއީ މަސްވެރިން ކިޔޫގައި ޖެހިގެން މަސް ކިރާނެ ފަހު އަހަރުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ދޮށީގެ މަސްވެރިކަންކުރާ ދޯނިފަހަރު ކިއުގައި އޮތްކަން ވަޒީރަށް އެނގިވަޑައިގަންނަވާތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްދޯނިފަހަރު މަސްކިރުވަން ކިއުގައި ޖެހެން ޖެހޭކަމަށެވެ.
ޝިޔާމް ވިދާޅުވީ، މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅު ވެފައިވާކަމަށެވެ. ފާއިތުވި ދެ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހާއި އަޅާބަލާއިރުވެސް މިއަހަރު މަސްވެރިކަން ރަނގަޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރުގެ ވާހަކަފުޅުގައި މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މަސްކިރުވަން ކިއުއެއް އޮތްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިމަހުގެ ނިޔަލަށް ކިއު ނަންބަރު ދޯނިތަކަށް ދޫކޮށްފައިވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކިއު ނަންބަރު ދޫކޮށްފައިވާ ދޯނިތަކުން މަސް ކިރާ ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްކިރުވަން ކިއު ޖެހެން މެދުވެރިވީ ފާއިތުވި އެއްވެސް ސަރުކާރަކުން ކިއު ނައްތާލަން އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ މަސްވެރިން މަސް ކިރުވަން ކިޔޫގައި ޖެހެންޖެހޭނެ ފަހު އަހަރުކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެންގެ މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނުވަތަ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް މިކުރެވޭ މަސައްކަތުން މި ކިއު އަޅުގަނޑުމެން ނައްތާލާނަން. ނައްތާލާފައި އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އެއްވެސް ދަތިކަމަކާއި ނުލައި ކިތަންމެ މަސްވެރިކަން ރަނގަޅަސް ކިއުގައި ނުޖެހި މަސްވެރިނަން މަސްކިރޭނެ ހާލަތައް މަސްވެރި ސިނާއަތުގެ ހާލަތު އަޅުގަނޑުމެން ގެންނާނަން". މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މިދިޔަ ސަރުކާރުން މަސްކިރަން މިފްކޯއަށް ގަނެފައިވާ ބޯޓުތަކުގެ ކެޕޭސިޓީ ހުރީ ވަރަށް ދަށްކޮށްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ. ގިނަ ބޯޓުތައް ހުރީވެސް އޮޕަރޭޝަނުން ބޭރުގައިކަމަށާއި، ނަމަވެސް އެ ބޯޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުގައި މިފްކޯއަށް ގަނެފައި ހުރި ޖަޒީރާ ބޯޓުތައް މިހުރީ ވަރަށް އެފިޝިއަންސީ ދަށްކޮށް. ގިނަ ބޯޓުތައް މިހުރީ އޮޕަރޭޝަނުން ބޭރުގައި. ޖަޒީރާ2، ޖަޒީރާ3 ގެ މަރާމާތު އަޅުގަނޑުމެން ފަށްޓައިފިން ސީޒަންއަށް ވާންވާއިރަށް އޮޕަރޭޝަންއަށް ގެނެވޭތޯ. މި 2 ބޯޓު ގެނެވިއްޖެކަމަށްވަންޏާ މާދަމާއާއި އަނެއްދުވަހު މަސައްކަތްކޮށްގެން މި 2 ބޯޓު އޮޕަރޭޝަނަށް ގެނެވޭނެ. އެހެންވެއްޖެ ނަމަ މިހާރު މިއޮތް ކިއުއަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ". މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
މިފްކޯގެ މިވަގުތުގެ ކެޕޭސިޓީއަކީ ދުވާލަކު 420 ޓަނެވެ. ނަމަވެސް 450 ޓަނުގެ މަސް ކިރަންޖެހޭ ދުވަސްތައްވެސް މިހާރު އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސްޓޯރޭޖް ކެޕޭސިޓީއާ ގުޅޭގޮތުން ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ އެއްގަމުގައި ހުރި ސްޓޯރޭޖް ކެޕޭސިޓީ އަކީ 4200 ޓަނުކަމަށާއި އެއީ އެންމެ އެކަށީގެންވާ ކެޕޭސިޓީ ނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ޚިދުމަތް ލިބޭނެކަމަށެވެ. އަދި އޭގެ ސަބަބުން ކަނޑުމަތީގެ ބޯޓުތަކާއި އެއްގަމުގެ ސްޓޯރޭޖް އެއްކޮށްލައިގެން މިހާރު ހުރި 8000 ޓަނުގެ ސްޓޯރޭޖް 25000 ޓަނަށް އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.