ޚަބަރު

ޖެކްސަން އަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާއި ދުރަށް


ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން އަށް އަނިޔާގެ ހަ ހަފްތާއަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާކަމަށް އެ ކްލަބުން ބުނެފި އެވެ.

މި ސީޒަނުގައި މިހާތަނަށް ޗެލްސީ އަށް 9 ލަނޑު ކާމިޔާބުކޮށްދީފައިވާ އުމުރުން 23 އަހަރުގެ ނިކޮލަސް ޖެކްސަން އަށް ފުރަތަމަ އަނިޔާ ވެފައިވަނީ މީގެ ދެ ހަފްތާ ކުރިން ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ނަމަވެސް އޭގެ ފަހުންވެސް އަނިޔާ ސީރިއަސް ނޫން ކަމަށް ބަލާފައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އޭނާ ކުޅެން އަރުވާފަ އެވެ. އަދި ވެސްޓްހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވަޑް މާކް ޖިއޫއަށް ވެސް އަނިޔާވެފައިވާއިރު މަރެސްކާ ބުނެފައިވަނީ ޖެކްސަންގެ އަނިޔާ ސީރިއަސް ނޫން ނަމަވެސް ޖިއޫ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހޭނެކަމަށެވެ.

ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި މިވަގުތު އޮތް ޗެލްސީ އަށް ފޯވަޑުންގެ މައްސަލަ ކުރިމަތިވެފައިވާއިރު މި ދެކުޅުންތެރިން ނެތްތަން ކުރިއަށް އޮތް ތަނުގައި ފޫބައްދާނީ ކްރިސްޓޮފާ އެންކުންކޫ އާއި ކޯލް ޕާމާ އެވެ.

އަންނަ ހުކުރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ނިކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ. މިދިޔަ ހަފްތާގައި އެފްއޭ ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ވަނީ ބްރައިޓަން އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.