ޚަބަރު

ފަނޑިޔާރުންކުރައްވާ ކޮންމެ ހުކުމަކީވެސް އަދުލުވެރިކަމާއި އިންސާފާއެކު ކުރައްވާ ޙުކުމަކަށްވާންޖެހޭނެ: އުއްތަމަ ފަނޑިޔާރު


  • އެންމެ ބޮޑު ޒިންމާއަކީ މަސްލަހަތު ހިމާޔަތްކުރުން

  • ކޮންމެ ފަނޑިޔާރަކުވެސް އިހުސާންތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި

ފަނޑިޔާރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު މަސައްކަތެއްކަމަށާއި، ފަނޑިޔާރުން ކުރައްވާ ކޮންމެ ހުކުމަކީ އަދުލުވެރިކަމާއި އިންސާފާއިއެކު ކުރައްވާ ހުކުމަކަށް ވާންޖެހޭނެކަމުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ ހަވާލުކުރެވިފައިވާ އެއް ފަރާތްކަމަށެވެ.

އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން ވިދާޅުވީ ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުންކަމަށެވެ. އަދި ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޤާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ގޮތަށް ޢަދުލުވެރިކަމާއިއެކު މަސައްކަތް ކުރެވިގެންކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. މީގެއިތުރުން މިކަމަކީ ފަނޑިޔާރުންގެ މައްޗަށްއޮތް ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުން ކުރި ހުވަޔާ އެއްގޮތަށް މިކަން ކުރުމުގައި ދެމިތިބެން ޖެހޭނެކަމަށެވެ.

"މީ އަޅުގަނޑުމެން ފަނޑިޔާރުންގެ މައްޗަށްއޮތް ވަރަށް ބޮޑު ވާޖިބެއް، ވަރަށް ބޮޑު މައްސޫލިޔަތެއް، އަޅުގަނޑުމެން މިކުރި ހުވަޔާ އެއްގޮތަށް ﷲ ސުބަހާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މިކަން ކުރުންމަތީ ދެމިތިބެން ޖެހޭނެ." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެންމެގާތުން މިހުންނަށް ހިދުމަތް ކުރަން ތިބި އެއްބަޔަކީ މެޖިސްޓްރޭޓުން ކަމަށާއި، އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ވިސްނުންތެރިކަމާއި އިހުސާންތެރިކަން ހުންނަންވާނެކަމަށެވެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ އެކަމުގެ ސަބަބުން ނިކުންނާނެ މައްސަލަތަކައް ބަލައި ވިސްނަންޖެހޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ 7 މެޖިސްޓްރޭޓް ކޯޓަކަށް އައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވައި ކުރައްވާފައެވެ. އަދި މަޤާމުގެ ލިޔުން އެބޭފުޅުންނާ ޙަވާލުކޯށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޒާ އާދަމެވެ.

ފަނޑިޔާރުން އައްޔަންކުރެއްވީ ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓު، ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓު، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު، ކ. މާފުށި މެޖިސްޓްރޭޓް ކޯޓު، ކ. ކާށިދޫ މެޖިސްޓްރޯޓް ކޯޓު، ލ. މާވަށު މެޖިސްޓްރޭޓް ކޯޓު އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.