ސަރަހައްދީ ވިޔަފާރި ބަނދަރު ހިމެނޭހެން ތިނަދޫ ސިޓީގައި ތަރައްޤީކުރަމުންދާ އިންޑަސްޓްރީއަލް ޒޯނުގެ ގިނަ މަސައްކަތްތައް ނިިމިއްޖެއެވެ. ތިނަދޫ ސިޓީގެ އިންޑަސްޓްރިއަލް ޒޯން ތަރައްޤީކުރުމަށް 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ސިނާޢީ ސަރަޙައްދު، ބިން ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފަވަނީ 2022ވަނަ އަހަރުގެ ކުރީކޮޅުއެވެ.
އިންޑަސްޓްރީއަލް ޒޯނު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގައި ސަރަހައްދީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތާއި އެ ސަރަޙައްދުގެ މަސްވެރިންނަށް ބޭނުންވާ ޚިދުމަތް ދިނުމަށް 1000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި މި މަޝްރޫޢުގެތަކުގެ އިތުރުންވެސް ރަށުގެ ކުރިއެރުމަށް، ވިޔަފާރީގެ އިތުރު ފުރުޞަތުތައް އިންޑަސްޓްރިއަލް ޒޯނާއެކު ފަހިވެގެންދާނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ މަޝްރޫޢުގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ނިމިފަވާކަމަށެވެ. އެގޮތުން މުޅި މަޝްރޫޢުގެ %88 ނިމިފަވާކަމަށާއި، މީގެތެރޭގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ %77 މަސައްކަތާއި، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ %96 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ތިނަދޫއާއި އިންޑަސްޓްރީއަލް ޒޯން ގުޅާލާ ކޮންކްރިޓް ބްރިޖްގެ %65 މަސައްކަތްވެސް ވަނީ މިހާރު ނިންމާފައެވެ.
ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންގައި ކުރިއަށްގެންދަނީ، ސްކޯޕް ބޮޑެތި އަދި ދިގު މުއްދަތުގެ ޕްލޭންތަކަށް ކުރިއަށްގެންދާ މަޝްރޫޢުތައްކަމަށެވެ. ޒޯން ތަރައްޤީކުރަނީ ރަށުގެ މަލަމައްޗަށް ވުމުން، ރަށަށް ފައިދާވާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ޖާގަ ދިނުމަކީ ކައުންސިލްގެ ވިސްނުންކަމަށް ސަޢުދު ވިދާޅުވިއެވެ.
އެގޮތުން ކޯލްޑް ސްޓޯރޭޖް، ކުރިން ތަރައްޤީކުރުމަށް ނިންމީ ރަށުގެ ހިއްކި ސަރަޙައްދުގައި ނަމަވެސް، އެ މަސައްކަތް ފަހުން އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރީ މި ސަބަބަށްޓަކާކަމަށް ސަޢުދު ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ މިފްކޯގެ ބެލުމުގެދަށުންނެވެ.
މީގެއިތުރުން ސެރަށުގައި ޕޯޓްވެސް ތަރައްޤީކުރާނީ ބޭރު ތޮއްޓަށް އުޅަނދުތައް ކައިރިކޮށް، މުދާ އަރުވާ ބޭލޭ ފެންވަރަށެވެ. އެކަމަށް ބޭނުންވާ ކެރޭނުތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. ޕޯޓު ބަނދަރުގައި 90 މީޓަރުގެ ތޮއްޓެއްވަނީ ލާފައެވެ.
މި މަޝްރުޢޫތަކާއެކު ތިނަދޫގައި ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި ރަށަށް ވަންނަ އާމްދަނީ އިތުރުވާނެއެވެ. ތިނަދޫ ސިޓީއަކީ ބޮޑެތި ވިޔަފާރިތަކާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުން އަންނަ ރަށެއްވެސްމެއެވެ.