ޚަބަރު

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީއާއި ޕީއެސްއެމް ގުޅިގެން މަސައްކަތްކުރަނީ


  • ޕީއެސްއެމްއިން ވަނީ ފަތުރުވެރިކަމަށް ހާއްސަކޮށް މޯލްޑިވްސް ޓީވީ ލޯންޗުކޮށްފައި

  • ޕީއެސްއެމްއާއި ގުޅިގެން މައިގަނޑު 4 ހަރަކާތެއް ކުރިއަށްގެންދާނެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީއާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ މައި ކުންފުނި އެމްއެމްޕީއާރްސީއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިއަހަރަށް އަދި ރޯދަމަހު ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތައް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޕީއެސްއެމްއާއި އެމްއެމްޕީއާރުސީއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާޙީމް ނަސްރީންއެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމްއިން ވަނީ ރާއްޖޭގެ ފުރަތަމަ ޑެސްޓިނޭޝަން ޓީވީ ޗެނަލް، މޯލްޑިވްސް ޓީވީ ލޯންޗުކޮށްފައެވެ. މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ރީތި މަންޒަރުތައް ބޭރުޤައުމުތަކަށް އަދި ފަތުރުވެރިންނަށް ދެއްކުމަށް ހާއްސަކޮށްގެން ގެނެސްދޭ ޗެނަލެކެވެ.

މި ޗެނަލް ލޯންޗުކޮށްދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ތޯރިޤްވަނީ ސަރުކާރުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް މޯލްޑިވްސް ޓީވީއާ ގުޅިގެން މަސައްކަތް ކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

"ޓީވީ ލޯންޗުކުރެވިގެން ދަނީ ވަރަށް މުނާސަބު ވަގުތެއްގައި. ޑެސްޓިނޭޝަން ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މި މަސައްކަތައް ލިބޭ އިތުރު ބާރެއް މިއީ. މޯލްޑިވްސް ޓީވީ ޒަރިއްޔާއިން ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވެށީގެ ރީތިކަން ދައްކުމަކީ އަމާޒުހިފައިވާފައިވާ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެވޭނެ ކަން ޔަޤީން. " ތޯރިޤް

ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ޗެނަލާއެކު އެމްއެމްޕީއާރްސީން މައިގަނޑު 4 ކަމެއް ކުރިއަށްގެންދާނެއެވެ.

ޕީއެސްއެމްއާއި ގުޅިގެން އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ ހަރަކާތް

  • ވިޒިޓް މޯލްޑިވް ބުކް އޮފް ރެކޯޑްސް - ތާރީޙީ ގޮތުން ފާހަގަކޮށްލެވޭ މުހިންމުކަންކަން ގެނެސްދޭނެ މަސައްކަތެއް
  • ދޫނިއަރ ވްރެކް - މަތިންދާ ބޯޓެއް ފައްތައިގެން ޑައިވް ސައިޓެއް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް
  • ބުރުނުބޮމަ - ކެޗް އެންޑް ރިލީޒް އުސޫލުގެ ތެރެއިން ކުރިއަށް ގެންދާ ދެމެހެއްޓެނިވި މަސްވެރިކަމުގެ މުބާރާތެއް
  • ވިޒިޓް މޯލްޑިވްސް ހެކަތަން - ޑެސްޓިނޭޝަން މާކެޓިން ހައްލުތައް ހޯދުމަށް އިންތިޒާމުކުރާ ހަރަކާތެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، ދައުލަތުގެ މީޑިއާއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ ފަތުރުވެރިން ގެނައުމުގެ މުހިންމު އަމާޒުތަކެއް ކަނޑައަޅާފައެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭ ޕްރޮމޯޓް ކުރުމަށް އޮންލައިންކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، އާންމުކޮށް ބައިވެރިވާ ފެއަރތަކުގައިވެސް މިއަހަރު ބައިވެރިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.