ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް، މަޑުއްވަރީއަށް އުފުލަންދޫ، މީދޫއަށް ތާވަތާ


  • މަޑުއްވަރީއާއި މިީދޫގެ އިޙްތިޞާޞަށް ދެރަށް އިރުކޮށްދިނުމަށް ވަޢުދުވީ ޖެނުއަރީ 22ގައި

  • އިޚްތިޞާޞަށް ދިން ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާނެ

މާލޮސްމަޑުލު އުތުރުބުރީ މަޑުއްވަރީއަކީ ބިން ފުރި އާބާދީ ތޮއްޖެހިފައިވާ ބިމުގެ ގޮތުން ކުޑަ ރަށެކެވެ. އެރަށުގެއާބާދީގެ %60 އިންސައްތަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމުން އެރަށަކީ އޮޑިދޯނިފަހަރު އިންތިހާއަށް ގިނަ އަދި ގިނަވަމުން އަންނަ ރަށެކެވެ.

މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލާ މަރާމާތު ކުރުމަށް އެކަށީގެންވާ ސަރަޙައްދެއްނެތެވެ. އޮޑިދޯނިފަހަރު އެހެލުމަށް ޚާއްޞަކުރާނެ އިތުރު ޖާގައެއް ނެތުމަކީ އެރަށުގެ މަސްވެރިންނާއި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ވުމާއެކު މަޑުއްވަރީގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދިޔައީ އެރަށާ ކައިރީގައި އޮތް "އުފުލަންދޫ" އެރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިދިނުމެވެ. އެކަން ކޮށްދިނުމަށް އެރަށުގެ ރައްޔިތުން ފާއިތުވި ސަރުކާރުތަކުގައި އެދިފައިވެއެވެ. ކުރީގެ ވެރިން އެރަށަށް ވަޑައިގަތުމުންވެސް އުފުލަންދޫ ރަށުގެ އިޚްތިޞާޞްގެތެރޭގައި ހިމަނައިދިނުމަށް އިންތިހާއަށް އެދުނެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް އެރަށުގެ ރައްޔިތުންގެ އެ އަޑު އިވޭކަމަކަށް ނުވިއެވެ.

މަޑުއްވަރިއަކީ ބޯހިޔާވަހިކަމުގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތިވެފައި އޮތް ރަށެކެވެ. އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް އޮތް ހައްލަކީ ރަށަށް ބިން އިތުރުކުރުންނަމަވެސް ފަޅު ކުޑަވުމުގެ ސަބަބުން އިތުރުކުރެވެން އޮތީވެސް އެންމެ ހައެއްކަ ހެކްޓަރުގެ ބިމެވެ. ނަމަވެސް އެއީ އެރަށުގައި އޮތް ގެދޮރުގެ މައްސަލައަށް އެންމެ އެކަށީގެންވާ ޙައްލެއް ގެނެވޭނެ މިންވަރެއް ނޫނެވެ.

މީގެ އިތުރުން މަޑުއްވަރީއަކީ ގިނަ ޢަދަދަކަށް ފައިބަރުގެ މަސައްކަތްކުރާ މީހުންވެސް އުޅޭ ރަށެކެވެ. އަދި އެނޫންވެސް އިޤްތިޞާދީ މަސައްކަތްތައްވެސް ކުރަމުން އަންނަ ރަށަކަށް މަޑުއްވަރީވާއިރު، އެތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ރަށުގައި ޖާގަ އެންމެ ބޮޑަށް އިތުރުކުރެވޭނެ ގޮތެވެ. ރަށުގެ ރައްޔިތުން އުޅޭ ސަރަހައްދުގައި ފައިބަރުފަދަ މަސައްކަތްކުރުމަކީ ރައްޔިތުންގެ ސިއްޙަތަށްވެސް ނުރައްކާއޮތްކަމަކަށްވާތީ އެކަމުގައިވެސް ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު މަޑުއްވަރީއަށް ވަޑައިގަތުމުން، އެރަށުގެ ކައުންސިލާއި، ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއްކަމަކީ އުފުލަންދޫ އެރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދިނުމެވެ. ރައީސް ދެއްވި ޔަޤީންކަމަކީ ރައްޔިތުން އެދުނުގޮތަށް އުފުލަންދޫ އެރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅާދޭނެކަމެވެ. ރައީސް ވަނީ މިއަހަރު އެރަށަށް އިތުރުކޮށްދެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބިން އިތުރުކޮށްދިނުމަށް ނިންމަވާފައެވެ.

ރައްޔިތުންގެ މިހުރިހާ ކަންބޮޑުވުމަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިތާ މަހެއް ފާއިތުނުވަނީސް ރައްޔިތުންގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާސިލުކޮށްދެއްވަފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައިސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މަޑުއްވަރީގެ ބައެއްގެ ގޮތުގައި އުފުލަންދޫ ވަނީ ހަމަޖައްސަވާދެއްވާފައެވެ.

"އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މިހިރަ ހުރިހާ މައްސަލައެއް އިރާދަކުރެއްވިއްޔާ ޙައްލުކުރެވޭ ގޮތަށް، "އުފުލަންދޫ"، މިރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ. އިރާދަކުރެއްވިއްޔާ، އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް، އެކަން ހަމަޖެހިގެންދާނެ. ހަމަޖެހުމުން، ތިޔަބޭފުޅުންގެ އިޤްތިޞާދީ ހުރިހާ ކަމެއް، ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭނެ ހުރިހާ ކަމެއް، އެތަނަށް ބަދަލުކުރެއްވުމަކީ އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން އޮތް ކަމަކީ. އެކަން ކުރެއްވުމުން ރަށަށް ބިން އިތުރުވެގެން ދިޔައީ. ގޯތިގެދޮރު، ހައުސިންގ މަޝްރޫޢުތަކަށްވެސް ޖާގަ އިތުރުވީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރިން މީހުން ދިރިއުޅުނު އުފުލަންދޫގެ ފަޅުރަށކަށްވީ 1960ގެ އަހަރު ތަކުގައި އެރަށުގެ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރުމުންނެވެ.

ރ. މީދުއަކީ ވަރަށްކުރީއްސުރެވެސް ކިއްސަރުވަޑާމާއި ތެދުއުއިވަޑާން ކުރަމުންއަންނަ ރަށެވެ. ރަށުގެ އާބާދީ އިތުރުވުމާއި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުން އައުމުގެ ސަބަބުން މިދޫގެ ރައްުޔިތުންނަށްވެސް އޮތް އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަމެވެ. އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށްވެސް އޮތީ ބިމުގެ ދަތިކަމެވެ. ވުމާއެކު އެރަށުގެ ރައްޔިތުންވެސް ކުރީ ސަރުކާރުތަކުގައި އެރަށުގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސައިދނުމަށް އެދެމުންދިޔަނަމަވެސް އެކަން މިހާތަނަށް އޮތީ ހާސިލުނުވެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ޔަޤީންކަމާއެކު އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބީ ތާވަތާ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ދުވަހަކަށެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ މީދޫގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސަވާފައެވެ.

"މީދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައެއް، މި ނޭވާގައި. މީދޫގައިވެސް އޮތް މި މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން، މީދޫގެ އިޚްތިޞާޞްގެ ތެރޭގައި "ތާވަތާ" ހިމަނަން އަޅުގަނޑު ނިންމި ވާހަކަ އިޢުލާނު ކޮށްލަން. މީދޫގެ ތަރައްޤީއަށް އެ ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް، އެ ރަށުގެ ބޭނުން ހިފައިގެން، ކަންތައްތައް ދުރު ރާސްތާއަށް ހަމަޖެއްސުމަކީ، އަޅުގަނޑު އެދޭގޮތް. ރަށުގެ ރައްޔިތުންނާއި، ސަރުކާރާ ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮންމެއަކަސް މަޑުއްވަރިއާއި މީދޫގެ ރައްޔިތުން އެންމެ އުންމީދުކުރަމުންއައި ކަންތައް ހާސިލުވީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން އެކަމް ހަމަޖެހުނީއެވެ. ކުރިއަށް އޮތީ އެ ދެރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް އާމްދަނީ އިތުރުކުރުމުގެ ފުރުޞަތެވެ. ރަށުގައި ބިން ނެތުމުގެ ސަބަބުން އޮތް އިޖުތިމަޢީ މައްސަލައަކަށް އޮތީ ފަހި ޙައްލެކެވެ. ރައްޔިތުންގެ އެ އުންމީދު ހާސިލުވުމުގެ ހުރިހާވެސް ޝުކުރެއް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ.