އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2025 ފެބުރުވަރީ 18 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ އެ ޤާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
އެގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އިތުރަށް ތަފްސީލުކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުފަދަ ކަންކަން ކައުންސިލްތަކާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަމަޖައްސައިދިނުމުގެ އުސޫލުތަކާއި، މާލީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ކައުންސިލްތަކުން ދޭ ފައިސާ ދޭނެ ގޮތާއި އެ ފައިސާ ޚަރަދުކުރާނެ ގޮތުގެ އުސޫލުތައް މި އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.
މި އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސްވެސް ދޭންޖެހޭނެއެވެ. އެގޮތުން، މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކުރައްވާފައެވެ.
މި އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްތުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު އެކަންކަން ތަންފީޒުކުރުމަށް މަދަނީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުންބަދަހިކޮށް އެކި ޕްރޮގްރާމްތައް ހިންގުމުގެ ބާރު އެ ކޮމިޓީތަކަށް ލިބޭނެއެވެ. އަދި ކުރިން ކޮމިޓީތަކުގެ ހިންގާ ގަވާއިދު އެ ރަށެއްގެ ކައުންސިލްގެ ލަފާގެ ދަށުން ހަދަން އޮތް ނަމަވެސް އެލްޖީއޭގެ ލަފަޔާއެކު އެ ގަވާއިދު ހެދުމަށް އައު އިޞްލާހުގައި ވަނީ ހިމަނުއްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިންކަމަށް އިޞްލާހުގައިވެއެވެ.
އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ އެ ވަޢުދާ އެއްގޮތަށް، ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް އަމަލުކުރަން ފެށުމުން، އަންނަ ރަމަޟާންމަހުގެ އިނާޔަތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.
އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށާއި އެކަމަކީ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.