ޚަބަރު

ޓޯކަން ނިޒާމެއް ތަޢާރަފްކޮށް، މަސްދަޅުކޭސް ދޫކުރުން ރޭގަނޑަށް


  • މިއަދުން ފެށިގެން 13 ތަނަކުން މަސްދަޅުކޭސް ދޫކުރާނެ

  • މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު 08:00 އިން 12:00 އަށް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ދޫކުރާނީ ޓޯކަން އުސޫލުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށްކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުންކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މީގެއިތުރުން ކިޔޫގައި ގިނަ ވަގުތު ހޭދަކުރަންނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން އެ ބޭފުޅަކަށް މަސްދަޅުކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:

* މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
* އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
* ހެންވޭރު ދަނޑު: 100 ޓޯކަން
* ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
* ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
* ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
* ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
* ސޯޝަލް ސެންޓަރު : 100 ޓޯކަން
* ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
* ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
* ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
* ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
* ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން

މަސްދަޅުކޭސް ބަލައި އަންނައިރު އެ ފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެއެވެ. އަދި، އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭހެވެ.

ފުރަތަމަ ދުވަހުވެސް މާލެ ސަރަހައްދުގެ 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.