ނެދަލަންޑްސް ލީގުގެ ފެޔަނޫޑްގެ ކޯޗަކަށް އެ ޓީމަށް ކުރިން ކުޅުނު ފޯވާޑް ރޮބިން ވެން ޕާސީ ހަމަޖައްސަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ފެޔަނޫޑް އިން ފުޓްބޯޅަ ކުޅެން ފެށުމަށްފަހު ކުޅުން ހުއްޓާލަންވެސް ފެނޫޑް އަށް ބަދަލުވެފައިވާ އުމުރުން 41 އަހަރުގެ ވެން ޕާސީ ފެޔަނޫޑްގެ ކޯޗު ކަމާއި ހަވާލުވުމުގެ ވާހަކަ ދެކެވޭއިރު އޭނާ ދަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހީރެންވީންއަށް ކޯޗު ކޮށްދެމުންނެވެ. އަދި އެ ކްލަބާއި ފެޔަނޫޑާއި ދެމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަންނަ ހަފްތާގައި އޭނާ ފެޔަނޫޑާއި ހަވާލުވާނެ ކަމަށްވެސް ވަނީ އަޑުއަރާފަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައިވާ ފެޔަނޫޑް އިން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެ ކްލަބުގައި މިވަގުތު ދާއިމީ ކޯޗެއް ނެތުމުގެ ސަބަބުންނެވެ.
ފެޔަނޫޑުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ކުރިން މަސައްކަތް ކުރި ވެން ޕާސީ ވަނީ މީގެ ކުރިން ލިވަޕޫލްގެ މިހާރު ކޯޗު އާން ސްލޮޓުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.
ފެޔަނޫޑުގެ އިތުރުން އިނގިރޭސިވިލާތުގެ އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުރިން ކުޅެފައިވާ ވެން ޕާސީ ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުނު 102 މެޗުގައި 50 ގޯލު ޖަހާފަ އެވެ.