ޚަބަރު

ބަޔާން މިއުނިކް މޮޅުވެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފި


ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ފްރެންކްފަރޓް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފި އެވެ.

މި މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވިއިރު އެ ޓީމަށް ވަނީ 58 ޕޮއިންޓާއެކު ތާވަލުގެ ކުރި ލިބިފަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފްރެންކްފަރޓްގެ ގޯލު ހުޅުވާލެފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭ އެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 16 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހިރޯކީ އިޓޯ އެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ބަޔާން އަށް ލިބުނު ކޯނަރެއް ފްރެންކްފަރޑްގެ ކުޅުންތެރިން ދިފާއުކޮށް ދުރަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ހިރޯކީ އަށް ލިބުމުން އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އަލްފޮންސީ ޑޭވީސް ދިން ބޯޅައަކުން ކާމިޔާބުކޮށްފައިވަނީ ޖަމާލް މުސިއާލާ އެވެ.

އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ސާރޖް ނަބްރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހު ސްޓުޓްގާރޓް އާއި ދެކޮޅަށް ކުޅޭ މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.