ޚަބަރު

19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން: ތިމާވެއްޓާބެހޭ ވުޒާރާ


  • ކަރަންޓު ސަބްސިޑީގެ ގޮތުގައި އަހަރަކު 150 މިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުުކުރޭ

  • 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ މި ސަރުކާރުގެ އަމާޒެއް

ރާއްޖޭގައި އައުކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް މިހެން ވިދާޅުވީ، "ކޮންވަޒޭޝަން އޮން ކްލީން އެނާޖީ އެންޑް ކްލައިމެޓް ޗޭންޖް މިޓިގޭޝަން"ގެ ނަމުގައި ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމަކީ ބްރިޓިޝް ހައި ކޮމިޝަނުގެ އިސްނެގުމަކާއެކު ވިލާ ކޮލެޖާއި ޔޫއެންޑީޕީއިން ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމާއި، މޫސުމީ ނުރައްކާތެރި ހާދިސާތައް މިޤައުމުގައި އިތުރުވަމުން ދާކަމީ ކަންބޮޑުވާންޖެހޭކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މި ޤައުމު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިފަދަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ދާއިރާއަކުންވެސް މަސައްކަތްކުރެވޭނެ ގޮތަށް އަޕްޑޭޓްކުރެވިފައިވާ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ފޮސިލް ފިއުލް އެތެރެކުރުމަށާއި، ރައްޔިތުންނަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ޚަރަދުކުރުމަށް އަހަރަކު 150 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރަމުންދާކަމަށެވެ. އަދި މިފަދަ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އިއާދަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މަސައްކަތްކުރަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އައުކުރަނިވި ހަކަތައިގެ ޖުމްލަ އިންސްޓޯލްކުރެވިފައިވާ ކެޕޭސިޓީއަކީ 53 މެގަވޮޓް. އަދި އޭގެ ފަހުން އަޅުގަނޑުމެން ވާނީ އިތުރު 17 މެގަވޮޓް ވާނީ އިތުރުކޮށްފަ. އަޅުގަނޑުމެން އިތުރު 19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތްކުރަމުން މިހާރު ކުރަމުންދާއިރު، އަމިއްލަ ފަރާތްތަކާ ގުޅިގެން 115 މެގަވޮޓްގެ ފްލޯޓިންގ ސޯލާ އިންސްޓޯލްކުރުމަށްވެސް މިހާރު ދަނީ މަސައްކަތްކުރެވެމުން." ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަފާރި އަދި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ބްލޫ އިކޮނޮމީ އިނީޝިއޭޓިވްސް އަދި ރިނިއުބަލް އެނަރޖީގެ ފުރުސަތުތައް ހިމެނޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ޤާނޫނީ އޮނިގަނޑުތަކާއި އިންވެސްޓްމަންޓް އިންސެންޓިވްސް ހިމެނޭގޮތަށް ދިވެހިރާއްޖޭގައި ވިޔަފާރިކުރުމުގެ ޢަމަލީ ކަންތައްތަކަށްވެސް ބަލައިލެވޭނެއެވެ.