ޚަބަރު

ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް


  • މިދަތުރު ކުރިއަށްގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 18އިން 23އަށް

  • މިދަތުރުގެ އަމާޒަކީ ރާއްޖެއަކީ ޕްރިމިއާ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ރާއްޖެއަށް ގެނައި މި ޓީމު ވަނީ މި މަހުގެ 18 އިން 23 އަށް ޕުލްމަން މޯލްޑިވްސް މާމުތާ ރިސޯޓު އަދި ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ނޫސްވެރިންގެ ޓީމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްފައެވެ. މިއީ އެމްއެމްޕީއަރުސީއިން އިސްނަގައިގެން މިއަހަރު ބޭއްވި މިފަދަ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ، މި ފެމިލިއަރައިޒޭޝަން ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ އެ ކުންފުނިން ޗައިނާގެ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކާއި، ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ އިތުރުން ޕީއާރު އިނީޝިއޭޓިވްތައްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރުން، ކުނާރްއާއެކު ޑިޖިޓަލް ކެމްޕޭންއަކާއި ވާޗުއަލް ވެބިނާއެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.

ޗައިނާގެ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ތާފާތު ހަރަކާތްތައް ކުރިއަށްގެންދަމުންދެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ކެމްޕޭންތަކުގެ އިތުރުން މީޑިއާ/ޓްރެވަލް ޓްރޭޑަށް ހާއްސަ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާއެކު ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމާއި، މަޝްހޫރު ފެއަރތަކުގައި ބައިވެރިވުން ހިމެނެއެވެ. ހަމަމިއާއެކު ޗައިނާގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމާއި ޑިޖިޓަލް ކެމްޕޭންތަކުގެ އިތުރުން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިއްގައިމު ސޯޝަލް މީޑިއާ ކޮންޓެންޓް ވިޒިޓް މޯލްޑިވްސްއިން ދަނީ ތައްޔާރުވަމުންނެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ހިތްގައިމުކަމާއި، ރީތިކަމާއި ތަފާތު ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދިވެހިރާއްޖެ ދޭ އަހައްމިއްޔަތުކަން ދައްކުވައިދީ، ރާއްޖެ އަކީ ދަތުރުފަތުރުގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ. ހަމަމިއާއެކު، ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކޮށް، ގިނަ ޤައުމުތަކުން ދަތުރުކުރާ ފަރާތްތައް އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްވެސް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.