ޚަބަރު

ބަންގްލަދޭޝް ބަލިކޮށް ނިއުޒިލެންޑް ސެމީއަށް


މިހާރު ކުރިއަށްދާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ނިއުޒިލެންޑުން ހޯދައިފިއެވެ.

ނިއުޒިލެންޑް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޕާކިސްތާނުގެ ރާވަލްޕިންޑީގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗު ފަސް ވިކެޓުން ކާމިޔާބުކޮށްގެންނެވެ.

ޗެމްޕިއަންސް ޓްރޮފީގެ ގްރޫޕް އޭ ގައި ކުޅުނު މި މެޗުގައި ފުރަތަމަ ކުޅެން އަރާފައިވަނީ ބަންގްލަދޭޝް އިންނެވެ. އެ ޓީމުން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 236 ލަނޑެވެ. ބަންގްލަދޭޝް އިން އެންމެ ރަގަޅަށް ކުޅެފައިވަނީ 110 ބޯޅައިން 77 ލަނޑު ޖެދި ޝަންޓޯ އެވެ.

ޖަވާބުގައި ނިއުޒިލެންޑް ކުޅެން އަރާ 46.1 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 240 ލަނޑު ހަދައިގެން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ނިއު ޒިލޭންޑްގެ ރަޗިން ރަވިންދްރާ ވަނީ 105 ބޯޅައިން 112 ލަނޑު ހަދާ މި މެޗުގައި ސެންޗަރީ އެއް ހަދާފަ އެވެ.

ޗެމްޕިއަންސް ޓްރޮފީގެ ގްރޫޕް އޭގެ އެއްވަނަ މަގާމް ނިއު ޒިލޭންޑަށް ލިބިފައިވާއިރު ދެވަނައިގައި އޮތީ އިންޑިޔާ އެވެ. އަދި ތިންވަނައިގައި ބަންގްލަދޭޝް އޮތްއިރު ޕާކިސްތާން އޮތީ ހަތަރުވަނައިގަ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިއު ޒިލޭންޑް އިންޑިޔާ އާއި ދެކޮޅަށް ކުޅޭ މެޗުން ގްރޫޕުގެ އެއްވަނަ ޓީމެއް ކަނޑައެޅިގެންދާނެ އެވެ.

ބަންގްލަދޭޝް އާއި ދެކޮޅަށް ޕާކިސްތާން އަންނަ ބުރާސްފަތި ދުވަހު ނިކުންނައިރު މި ދެ ޓީމުންވެސް ތިބީ މި މެޗު ކާމިޔާބު ކުރުމަށް ކެތްމަދުވެފަ އެވެ. މި މުބާރަތުގައި އަދި މި ދެ ޓީމަށްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.