ދިރާގުގެ ހިއްސާއަކަށް 8.70 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ހައިބްރިޑް މޮޑެލްއެއްގައެވެ. މި ޖަލްސާގައި ބައިވެރިވުމަށް 144 ހިއްސާދާރުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ 113 ހިއްސާދާރުން އަދި 36 ޕްރޮކްސީ ދީފައިވާ ހިއްސާދާރުންކަމަށް ދިރާގުން ބުނެއެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 5.9 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ޚިތުމަތްތަށް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަކުރުމުގެ ނަތީޖާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ފާސްކޮށްފައެވެ.
ދިރާގުން ބުނީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ %5.1 ގެ ކުރިއެރުމަކާއެކު 1.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިޔަން ރުފިޔާ ހޯދައި، 2023 އަށް ވުރެ %5.5 ގެ ކުރިއެރުމެއް ހޯދައިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުގެ 5ޖީ ޚިދުމަތްވަނީ އާބާދީގެ 60 އިންސައްތައަށް ފޯރުކޮށްދީފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދީ، އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް' ގެ އެވޯޑް ވިދިވިދިގެން 3 ވަނަ އަހަރު ހޯދައިފައިވެއެވެ.