އަހަރެއްހާ ދުވަހުގެތެރޭގައި ޤާނޫނު ތަންފީޒުކޮށް ޤައުމަށް އަމާންކަން ގެނައުމަށް ކުރެވިފައިހުރި މަސައްކަތްތައް ފެނުމުން އިދިކޮޅު ފަރާތްތަކަށް ދާޚިލީ ވަޒީރުގެ އިތުބާރު އޮންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ.
ވަޒީރު އިޙްސާން މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅުން މަސައްކަތް ކުރަމުންދާއިރު، ދާޚިލީ ވުޒާރާއަކީ ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ބެލެނިވެރި ފަރާތެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ވަޒީރު އިޙްސާން އިސްކޮށް ހުންނަވާ ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ބިދޭސީންގެ މައްސަލަތަކާއި، އައިޑީ ކާޑު ހެދުމުގެ ޚިދުމަތްތަކާއި، ފުލުހުންގެ ޚިދުމަތްތައް ހިމެނިގެންދެއެވެ.
ވަޒީރު ވަނީ ފުލުހުންގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން ރާއްޖެ އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށާއި، ގޭންގު ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްތުވާތަކެތިން ސަލާމަތްކޮށް ފަރުވާގެ ނިޒާމަށް ވެއިޓްލިސްޓްކޮށްފައިތިބި ތިބި 700 މީހުންފެ ތެރެއިން 692 މީހުންން ފަރުވާގެ ނިޒާމަށް ވައްދާފައިވާއިރު ރާއްޖޭގައި ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރަމުންދިޔަ އެތައް ތަނެއް ބަންދުކުރެވިފައިވެއެވެ. މީގެއިތުރުން 2023ވަނަ އަހަރު 113 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނުއިރު، މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް 654 ކިލޯ އަތުލައިގަނެފައިވެއެވެ. އަދި 2023 ވަނަ އަހަރު 3,495 ފުޅި ބަނގުރާ އަތުލައިގަނެވިފައިވާއިރު، މިދިޔަ އަހަރު 10,486 ބަނގުރާ ފުޅި ވަނީ އަތުލައިގަނެފައެވެ.
ވަޒީރު ވިދާޅުވީ، އައިޑީ ކާޑު ހެދުމުގެ ޚިދުމަތުގައި ހުރި ލަސްތަކެއް ޙައްލުކޮށް، ސަރުކާރު ބަދަލުވިއިރު ބެކްލޮގްގައި ހުރި 3,348 އައިޑީ ކާޑުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާއިރު، މިހާރު 24 ގަޑިއިރު ތެރޭގައި އައިޑީ ކާޑު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި މާލެ ފިޔަވައި އިތުރު 5 އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަން މެދުވެރިކޮށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށްވާއިރު، މި މަސައްކަތަކީ ސަރުކާރުން ކަމިޔާބުކަމާއެކު ކުރަމުންދާ މަސައްކަތެއްގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ބިދޭސީންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން، އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ދައުލަތަށް ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5,613 މީހުން ޑީޕޯޓްކުރެވި، 40,000 މީހުން ރެގިއުލަރައިޒްކުރެވި، މިހާތަނަށް 77,000 މީހުންގެ ބަޔޯމެޓްރިކްސް ނިންމާފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ކުރިން މީހުން ދިރިއުޅޭ 70 ރަށުގައި ފުލުހުންގެ ޚިދުމަތް ނެތްއިރު، މިހާރު އެ އަދަދު 39 އަށް ދަށްކުރެވިގެންދާނެކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.