ޚަބަރު

ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވޭ؛ ރަށް ދެނެގަތުމުގެ މަސައްކަތް ފަށަނީ


  • ރަތްމަންދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް

މުލަކަތޮޅު ރަތްމަންދޫގެ ރައްޔިތުން ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވާކަމަށާއި ބަދަލުވާން ބޭނުންވާ ރަށް ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު މިހެން ވިދާޅުވީ، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފެރީ ސްޓޮޕްތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް މިދިޔަ ބުދަދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ތަޞައްވުރެއް ގެންގުޅުއްވާކަމަށެވެ. އަދި މި ތަޞައްވުރުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން ދިރިއުޅެން ބޭނުންވާ ތަނެއްގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގައި ރައްޔިތުންބޭނުންވާ ގޮތަކަށް އެކަންކަން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މ. ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވާކަމަށާއި، ބަދަލުވާން ބޭނުންވާ ރަށް ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިރުޝާދު ލިބިފައި އެބަ އޮތް ރަތްމަންދޫގެ ރައްޔިތުން ދިރިއުޅެމުންދާނީ ކޮންތަނެއްގައިތޯ ނުވަތަ އެބޭފުޅުން ހިޖުރަކުރަން ބޭނުންވާ ޗޮއިސްތަކަކީ ނުވަތަ އޮޕްޝަންތަކަކީ ކޮބާތޯ ބެލުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ހަވާލުކުރެވިފައިވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިނިސްޓްރީގެ ސީނިއަރ ޓީމެއް އެ ރަށަށް ޒިޔާރަތްކޮށް ރައްޔިތުންގެ ވިސްނުން ހުރި ގޮތުގެ ސާވޭއެއް ހަދާނަން." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މ. ރަތްމަންދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދާއަކީ، 171އެވެ.

ސަރުކާރުން ދާދިފަހުންވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވާފައެވެ.

މީގެ އިތުރުންވެސް މިހާރު ދިރިއުޅޭ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމާމެދު މީހުން ދެކޭ ގޮތް ހޯދުމަށް ސަރވޭއެއް ހެދުމަށް ނިންމަވާފައިވާކަމަށްވެސް ސިޓީތަކާ ބެހޭ ވުޒާރާގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނާއި 2025 ވަނަ އަހަރުގެ އަހަރީ ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފްވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން މީހުން އާބާދުކުރުމުގެ ތަރައްޤީގެ މިފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމެވެ. މިގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.