ޚަބަރު

ރޯދަމަހުގެ ފުރަތަމަ ދުވަސް: ހުރިހާ ބާވަތެއްގެ އަގުތައްވެސް އެއްވަރެއްގައި ހިފެހެއްޓިފައި!


  • އާންމުކޮށް އަގު އުފުލޭ މިރުސް ލުނބޯގެ އަގު ވަނީ ދަށްވެފައި

  • މަސްވެރިކަން ތިޔާގިވުމުގެ މަހުގެ އަގުވެސް ހުރީ ހެޔޮވެފައި

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުގެ އަގުތަށް މަތި ނުވެ، އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ.

އެހެން އަހަރުތަކާއި އަޅާބަލާއިރު، އެވްރޭޖްކޮށް އަސާސީ ހުރިހާ ކާބޯތަކެއްޗެއްގެ އަގުވެސް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ. އެހެން އަހަރުތަކުގައި ރޯދަމަހަށް އެންމެ ބޮޑަށް އަގު އުފުލޭ އެއް ބާވަތަކީ މިރުހެވެ. އެހެން އަހަރުތަކުގައި 100 ގުރާމް މިރުސް 80ރ އަށްވެސް އުފުލިފައިވެއެވެ. އެހެން ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް މިރުސް ބާޒާރުގައި ފެންނަނީ ވަރަށް ތިޔާޤިކޮށެވެ. އެގޮތުން ބާޒާރުގައި 100 ގުރާމް މިރުސް ހުރީ 20ރ އާއި 25ރ އާ ދެމެދުގެ އަގުތަކެއްގައެވެ.

މީގެ އިތުރުން ރޯދަމަސް ފެށުމުގެ ކުރިން ބާޒާރުގައި އަގު އުފުލިގެން ދިޔަ އެއް ބާވަތަކީ ލުނބޯއެވެ. އެގޮތުން 70ރ އާއި 80ރ އަށް ލުނބޯގެ އަގު އުފުލުނު ނަމަވެސް، ރޯދަމަހުގެ ފުރަތަމަ ދުވަހު ލުނބޯގެ އަގު ހުރީ 35ރ އާއި 40ރ ދެމެދު އަގެއްގައި ހިފެހެއްޓިފައެވެ.

މޭވާއާއި ތަރުކާރީގެ އަގުތައް:

• ކަރާ - 25ރ ކިލޯއެއް
• އަނބު - 70ރ - 80ރ ދެމެދު ކިލޯއެއް
• މިރުސް - 230ރ ކިލޯއެއް
• ލުނބޯ - 35ރ އާއި 40ރ ދެމެދު ކިލޯއެއް
• ކުރުނބާ - 35ރ
• ދޮންކެޔޮ (މާޅެސްކެޔޮ) - 40ރ ކިލޯއެއް
• ލެޓިއުސް - 130ރ ބޮނޑިއެއް
• ކޮޕީ ފަތް - 15ރ 3 ފަތުގެ ބޮނޑިއެއް

މަސް މާރުކޭޓުގެ އަގުތައް:

• ކަޅުބިލަމަސް - 35ރ ކިލޯއެއް
• ކަންނެލި - 35ރ ކިލޯއެއް
• ރަތްމަސް - 150ރ ކިލޯއެއް
• ގިނިމަސް - 50ރ ކިލޯއެއް
• ހަނދި - 100ރ ކިލޯއެއް
• ފާނަ - 150ރ ކިލޯއެއް
• މުށިމަސް - 20ރ 3 މަސް

ބާޒާރުމަތީގައި ތަކެތީގެ އަގު ހިފެހެއްޓިފައިވާއިރު، ވިޔަފާރިވެރިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަގުތައް އުފުލިގެންދާނެ ކަމަށް ނުވެބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން މިވަގުތު ވަކި ބާވަތެއް ލިބުން ދަތި ނޫން ކަމަށާއި، ހުރިހާ ބަވާތެއްވެސް ފަސޭހަކަމާއެކު ލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިދުވަސް ވަރަކީ މަސްވެރިކަން ވެސް ރަނގަޅު ދުވަސްވަރެއް ކަމުން މަހުގެ އަގުވެސް، ރޯދަމަސް ފެށިގެން އުފުލިފައިވާ ނުވާ ކަމަށް މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ރޯދަމަހަށް ޚާއްސަކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއާއެކު ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ނިޔަލަށްވެސް ތަކެތީގެ އަގު އުފުލިޔަ ނުދޭ ހިފެހެއްޓުމެވެ.