ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެކަމަށް ލަފާކޮށް މެދުތެރޭގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ އާދީއްތަ ދުވާހާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާރުވެސް މެޓް އޮފީހުން ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފައެވެ.
އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ދަނަވަރު 2:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
Orange warning for torrential rain and thunderstorms with flooding. pic.twitter.com/wKuxxlMWaU
— Maldives Meteorology (@MetMaldives) March 1, 2025
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި މިހާރުވެސް ފެންބޮޑުވެފައިވާތީ ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ މާލޭގެ 3 ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ. އެއީ އައިޖީއެމްއެޗް، ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދެވެ. އެމްއެންޑީއެފުން ވިދާޅުވީ ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހު އަލިވާނެކަމަށެވެ.