ޚަބަރު

ފެބުރުއަރީމަހު 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، ޖުމްލަ އަދަދު 4 ލައްކައަށްވުރެ މައްޗަށް


  • ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް ވަނީ 214,091 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން

ފެބުރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މި ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް ވަނީ 214,091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 217،392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ ފެބުރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަނަވަރީމަހުވެސް ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވަނީ 214،863 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް 428،954 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 409،777 ފަތުރުވެރިނާއި އަޅާ ބަލާއިރު %4.4 އިތުރު އަދަދެކެވެ.

މި ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 16 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 9،518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ދުވަހެއްގެތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް ވަނީ 50،000 އަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.