ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ފާއިތުވެދިޔަ ތަނުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިންވެސް 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ފައިނަލް މެޗުތައް ހިމެނެ އެވެ.
ނަމަވެސް އަންޗެލޮޓީ ބުނެފައިވަނީ މާޒީގެ ނަތީޖާތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެތްލެޓިކޯ މެޑްރިޑަކީ މެންޗެސްޓަރ ސިޓީ އަށްވުރެ އުނދަގޫ ޓީމެއް ކަމަށާއި، އެ މީހުންގެ ކައުންޓަރ އެޓޭކްތައް އެހެން ޓީމުތަކަށްވުރެ މާ ބޮޑަށްވެސް ނުރައްކާ ކަމަށެވެ.
"ސިޓީއަށްވުރެ ހުރިހާ ގޮތަކުންވެސް އެތްލެޓިކޯ އުނދަގޫ ވާނެ. ސިޓީ އާއި ދެކޮޅަށް މެޗު ޑޮމިނޭޓް ކުރަން އުނދަގޫވި އެހެންކަމުން މި މެޗުގައި އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ." އަންޗެލޮޓީ ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު އެއްވެސް ޓީމަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި، މި މެޗަކީ ހުރިހާ ގޮތަކުންވެސް ހަމަހަމަ މެޗަކަށްވާނެ ކަމަށެވެ.
ރެއާލް މެޑްރިޑާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް މިރޭ ނިކުންނައިރު،، ސްޕެނިޝް ލީގުގަގައި އެ ޓީމުން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ތާވަލުގެ ދެވަނަ މަގާމުގައި މިވަގުތު އެތްލެޓިކޯ އޮތީ ރެއާލް މެޑްރިޑަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށް ނިކުންނައިރު އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފައިވަނީ ލީގުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ރެއާލް މެޑްރިޑަކީ އެ ޓީމަށް ކުޅެން ފަސޭހަ ޓީމެއް ނޫން ކަމަށާއި، މި މެޗުން މޮޅުވުމަށް އެ ޓީމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ރެއާލް މެޑްރިޑަކީ އެ ޓީމުން ފުރިހަމަ އަށް އިހުތިރާމް ކުރާ ޓީމެއް ކަމަށްވެސް ސިމިއޯނީ ވަނީ ބުނެފަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 1 ޖަހާއިރު އެވެ.