ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގެ ހަވާސާގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުހިންމު ކުންފުނިތަކަކާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމްގެ އަރިހުގައި އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ވަފުދަކުން ވަނީ މި ފެއަރގައި ބައިވެރިވެފައެވެ.
އައިޓީބީ ބަރލިންގެ ތެރެއިން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވަނީ ޖަރުމަނުގެ ޓްރެވެލް އެޖެންސީއެއްކަމަށްވާ ޓުއި ކުންފުންޏާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޓުއި މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިދަތުރުފުޅުގެ ތެރެއިން ވަޒީރު ތާރިޤް ވަނީ ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއަރލައިންގެ ބޭފުޅުންނާއެކުވެސް މަޝްވަރާކުރައްވާފައެވެ. މިއެއަރލައިނުން ރާއްޖެއަށް ދަތުރުކުރަމުންދާތާ 25 އަހަރުވަނީ ވެފައެވެ. މިބައްދަލުވުމުގައި ވަނީ އެއެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ވަޒީރު ތާރިޤް އިބްރާހިމް ވަނީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ޓްރެވެލް ގްރޫޕެއްކަމަށްވާ ޑަރޓުއަރ ގްރޫޕާވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެމީހުން ބައިވެރިކުރެވިދާނެ ގޮތްތަކާއި ފަތުރުވެރިންގެ އަދަދު އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އައިޓީބީ ބާލިން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފެއަރ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ.