ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ވާދަވެރި ބަޔާ ލެވަކޫސަން އަތުން 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނިޓުގައި ބަޔާން މިއުނިކުން ވަނީ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ.
ބަޔާން މިއުނިކުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޖޯޝުއާ ކިމިޗް އާއި ޖަމާލް މުސިއާލާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ ލެވަކޫސަންގެ މަތެޖް ކޮވާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މުސިއާލާ ޖަހާފައިވާ ލަނޑެކެވެ.
ލެވަކޫސަނަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 62 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ނޯޑީ މުކިއޭލްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
މި މެޗުގައި ބަޔާން މިއުނިކުން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 31 ވަނަ ލަނޑެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހު ލެވަކޫސަންގެ ބޭ އެރީނާ ގައެވެ.