ޚަބަރު

ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު މިފަހަރުވެސް ދިރާގަށް


  • މިއީ މި އެވޯޑު ދިރާގަށް ލިބުނު ހަތަރުވަނަ އަހަރު

  • ދިރާގުގެ އަވަސް 5ޖީ ނެޓްވޯކް އާބާދީގެ 60 އިންސައްތައަށް ލިބޭ

ދުނިޔޭގެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ލިބިއްޖެއެވެ.

މިއީ މި އެވޯޑު ދިރާގަށް ލިބުނު ހަތަރުވަނަ ފަހަރެވެ. މި އެވޯޑް ދީފައިވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ، މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

ދިރާގުން ވިދާޅުވީ މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ.

ދިރާގަށް އޫކްލާއިން އެވޯޑު ދީފައިވަނީ މިދިޔަ އަހަރުގެ ފަހު 2 ކުއާޓަރުގެ މަސައްކަތްތަކަށް ބެލުމަށްފަހުއެވެ. ދިރާގަކީ ދެކުނު އޭޝިޔާ އަދި ދިވެހިރާއްޖޭގައި ވިޔަފާރި އުސޫލުން 5ޖީ ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ޑިޖިޓަލް ޚިދުމަތްދޭ ފަރާތެވެ. 2019 ވަނަ އަހަރު އެ ކުންފުނިން މި ޚިދުމަތް ފޯރުކޮށްދެން ފަށާފައިވާއިރު މިއަދު، ދިރާގުގެ އަވަސް 5ޖީ ނެޓްވޯކް އާބާދީގެ 60 އިންސައްތައަށް ލިބެން އެބަހުރިކަަން އެކުންފުނިން ފާހަގަކުރެއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާ ކުރުމަށާއި، ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށާއި، ގައުމުގެ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގުގެ ފަރާތުން މި އެވޯޑު ހަވާލުވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު އަދި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ މުޙައްމަދު މުސްޢަދެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ އެމްޑީ އަދި ސީޓީއޯ ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކް އެވޯޑް ދިރާގަށް ލިބުމަކީ، އެ ކުންފުނިން ފަހުރުވެރިވާކަމެއްކަމަށެވެ. އަދި މި ކާމިޔާބީއަކީ އެންމެ ރަނގަޅު ޑިޖިޓަލް ތަޖުރިބާ ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ އަޒުމުގެ އަލިގަދަ ހެއްކެއްކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ 5ޖީ ޚިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގުޅުން ބޭއްވުމަށާއި، މަސައްކަތްކުރުމަށާއި، ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދިޔަކަމަށްވެސް އެމްޑީ އަދި ސީޓީއޯ ފާހަގަކުރެއްވިއެވެ.

އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ނެޓްވޯކް ޓެސްޓްކުރުމުގެ އެޕްލިކޭޝަންތަކާއި، ޑޭޓާ ތަހުލީލުކުރުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ފަރާތެކެވެ. އޫކްލާގެ މައިގަނޑު ނެޓްވޯކް ޓެސްޓިންގ ޕްލެޓްފޯމްކަމުގައިވާ ސްޕީޑްޓެސްޓުން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ފެންވަރާއި ކޮލިޓީ މިންކުރަމުންދެއެވެ.