ޚަބަރު

މުސީބާތްތަކަށް ކެތްތެރިވުމަކީ ސަވާބު ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް: ޑރ. ޢަބްދުއްސައްތާރު


  • އިމްތިޙާނުތައް ކިތަންމެ ގިނައިން ކުރިމަތިވިޔަސް ކެތްތެރިވާންވާނެ

  • ގިނަގިނައިން މާތްﷲ އަށް ދުޢާ ދެންނެވުމަށް ނަސޭހަތްތެރިވި

މުސީބާތްތަކަށް ކެތްތެރިވުމަކީ ސަވާބު ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުއްސައްތާރު މިހެން ވިދާޅުވީ، "އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބުރަތްތައް" މި މަޢުޟޫއަށް ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.

"އަޙުޒާބު ހަނގުރާމައާއި އޭގެ ޢިބުރަތްތައް" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ޑރ. ޢަބްދުއްސައްތާރު އަބްދުއްރަޙްމާން ވިދާޅުވެފައިވަނީ، އަޙުޒާބު ހަނގުރާމައިން މުސްލިމުންނަށް ލިބުނު އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިބުރަތަކީ މުޞީބާތްތަކަށް ކެތްތެރިވުމުގެ މުހިންމުކަންކަމަށެވެ. އަދި ކެތްތެރިވުމަކީ ގިނަގުނަ ސަވާބު ހޯދުމަށް ލިބޭ ފުރުޞަތެއް ކަމުގައިވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، ކޮންމެ މުއުމިނަކުވެސް އިމްތިޙާނު ކުރެވޭނެ ކަމަށާއި، އެއްވެސް އިންސާނަކު އިމްތިޙާނު ނުކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދޫކޮށެއް ނުލައްވާނެކަމަށެވެ. އަދި ހަމައެކަނި އީމާންވެއްޖެއޭ ބުނުމަކުން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނެ ކަމަށް މީސްތަކުން ހީކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އިމްތިޙާނުގެ އެއް މަޤްޞަދަކީ އިޞްލާޙުވުން. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި އަނެއް މަޤްޞަދަކީ ތާހިރުވުމާއި ދަރަޖަ މަތިވެރިވުން. ޞަޙާބީއަކު ސުވާލު ކުރެއްވި: 'އޭ ﷲގެ ރަސޫލާއެވެ! އެންމެ ބޮޑެތި މުޞީބާތްތައް ޖެހެނީ ކޮން ބަޔަކަށްތޯ؟' އެކަލޭގެފާނު ޙަދީޘްކުރެއްވީ ނަބިއްޔުންނަށް ކަމަށް. ދެން އެއާ އެންމެ ގާތް ރަނގަޅު މީހުންނަށް ކަމަށް.' މީހެއްގެ ދީނުގައި ވަރުގަދަވި މިންވަރަކުން އިމްތިޙާނުވެސް ހަރުކަށިވާނެ. ދީނުގައި ބަލިކަށިވި މިންވަރަކުން އިމްތިޙާނު ލުއިވާނެ. މިގޮތަށް ގޮސް އޭނާ މުޅިން އިމްތިޙާނަށްފަހު ތާހިރުވެގެންދާނެ" ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

އިމްތިޙާނުތައް ކިތަންމެ ގިނައިން ކުރިމަތިވިޔަސް ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއްކަމަށާއި މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ، ގިނަގިނައިން ނަމާދުކުރުމާއި ދުޢާކުރުމުގައި ދެމިހުރުމަށްވެސް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެއިތުރުން، މުޞީބާތެއް ޖެހުމުން އެމީހެއްގެ ދުޢާ އަވަހަށް އިޖާބަކުރެއްވުމަށް އެދޭ މީހާ، އޭނާ ހެޔޮހާލުގައި ހުންނައިރު ގިނަގިނައިން މާތްﷲ އަށް ދުޢާ ދެންނެވުމުގައި ދެމިހުރުމަށް އޭނާ ބާރުއެޅުއްވިއެވެ. އަދި މިގޮތަށް ޢަމަލުކޮށްފިނަމަ، މުޞީބާތެއް ޖެހޭ ހިނދު އެ މުޞީބާތުގައި ގިނަ ދުވަހު ނުބަހައްޓަވާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.