މެންޗެސްޓާ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނަކީ އެ ކުލަބުން ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ނޫން ކަމަށާއި، އަދި ބައެއް ކުޅުންތެރިންނަށް ދެނީ އެކަށީގެންނުވާ މުސާރައެއް ކަމަށް އެ ކުލަބުގެ އެއް ހިއްސާދާރު ސަރ ޖިމް ރެޓްކްލިފް ބުނެފިއެވެ.
އުމުރުން 72 އަހަރުގެ ރެޓްކްލިފް ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެނާ އެ ކްލަބާއި ހަވާލުވިއިރުވެސް ބައެއް ކުޅުންތެރިން ހޯދުމަށް ކޮށްފައިވާ ޚަރަދުތަކަށް ދައްކަން ޖެހޭ ފައިސާތައް ހުރި ކަމަށާއި ކްލަބް އޮތް ހާލަތުން އިގްތިސާދީ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި އަހަރުގެ ނިމެންވާއިރަށް ކްލަބުގައި ފައިސާއެއް ނުހުންނާނެ ކަމަށެވެ.
"އަހަރެން ކްލަބާއި ހަވާލުވިއިރު ސަންޗޯ އާއި ކަސެމީރޯ އާއި އެންތޮނީގެ އިތުރުން އޮނާނާ އަކީ ލޯނުގައި ތިއްބަސް ޔުނައިޓެޑްގެ ކުޅުންތެރިން. އެ ކުޅުންތެރިންނަށް ޔުނައިޓެޑުން އޮތީ ބަލަދު އަރާފައި. އެހެންކަމުން އެކަންތައް ހައްލުކުރަން ޖެހުނު." ރެޓްކްލިފް ބުންޏެވެ.
"އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ޔުނައިޓެޑަށް އެކަށީގެންވާ ކުޅުންތެރިންނެއް ނޫން އަދި ބައެއް ކުޅުންތެރިންނަށް ދޭ މުސާރައަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު މުސާރައެއް." ރެޓްކްލިފް އާއި ދެކޮޅަށް ޔުނައިޓެޑްގެ ސަޕޯޓަރުން މުޒާހަރާއެއް ކުރިތާ އެއް ދުވަސް ފަހުން ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.
ރެޓްކްލިފް އިތުރަށް ބުނެފައިވަނީ މާޒީއިން އަރައިގަނެ ޔުނައިޓެޑަށް ބަދަލުތަކެއް ގެނެސް އެ ކްލަބަކީ ދުނިޔޭގައި އޮތް އެންމެ ފައިދާ ބޮޑު ފުޓްބޯޅަ ކްލަބް ކަމުގައި ހަދަން ބޭނުންވާ ކަމަށެވެ.
އަދި އެ ކްލަބުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ރުބެން އަމޮރިމް އަށް އޭނާގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި އެ ކްލަބުގައި އޭނާ ދިގު މުއްދަތަކަށް ހުންނާނެ ކަމަށެވެ.
ޕްރިމިއާ ލީގުގައި މިވަގުތު 14 ވަނައިގައި ޔުނައިޓެޑް އޮތް ނަމަވެސް ރެޓްކްލިފް ބުނެފައިވަނީ އެ ކްލަބަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަދި އެ ހާލަތުގައި އޮތް ޓީމަކާއި ސީޒަނުގެ މެދު ތެރެއިން ހަވާލުވާ ކޯޗަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. އަދި އަމޮރިމް މިހާރު ކުރަމުންދާ މަސައްކަތް ރަގަޅު ކަމަށާއި އެކަން ބަލައިގަންނަ ކަމަށްވެސް ރެޓްކްލިފް ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމުގައިވާ ރެޓްކްލިފް އިތުރަށް ބުނެފައިވަނީ ލޯނު އެއްބަސްވުމުގެ ދަށުން މިހާރު އެހެން ކްލަބްތަކަށް ކުޅެމުންދާ ކުޅުންތެރިން މި ސީޒަނަށްފަހު ދާއިމީކޮށް ޓީމުން ދޫކޮށްލުމުން ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކްލަބަށް ފައިސާތަކެއް ލިބިގެންދާނެ ކަމަށާއި އެކަމާއިމެދު އެ ކްލަބުން ވިސްނާނެ ކަމަށެވެ.