މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 23.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ހަފްތާގައި 232 ދޯންޏަކުން މަސްކިރުވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި 232 މަސްދޯންޏަކަށް 23.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއެވެ. އެހަފްތާގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 8ވަނަ ދުވަހު ކިރުވި މަހަށްކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ. އެގޮތުން 8ވަނަ ދުވަހު 40 މަސްދޯންޏަކަށް 7.5 މިލިޔަން ރުފިޔާވަނީ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް އެ ކުންފުނިން ވަނީ 120 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޖަނަވަރީ މަހާއި އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ. ޖަނަވަރީ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 177 މިލިޔަން ރުފިޔާއެވެ.
ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 546 ޓަނުގެ މަސް ކިރުވާފައިވާއިރު، މިފްކޯއިން ވަނީ 48 މަސްދޯންޏަކަށް 7.6 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.